ބިޕާޝާ އާއި ސޮނާކްޝީއާ އެކު ސަލްމާންގެ ޓުއާ ފަށަނީ
ބިޕާޝާ އާއި ސޮނާކްޝީއާ އެކު ސަލްމާންގެ ޓުއާ ފަށަނީ

ސަލްމާން ޚާންގެ ފޭނުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ގިނަ އެވެ. ފޭނުންނާ ބައްދަލުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކޮންމެ އަހަރަކު ވެސް ސަލްމާން ޝޯތައް ބާއްވަ އެވެ. އެގޮތުން މިއަހަރުގެ އޭނާ "ދަ-ބަންގް"ގެ ނަމުގައި ފަށާ ވޯލްޑް ޓުއާގެ ތަފްސީލުތައް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

ސަލްމާން މިފަހަރު ޝޯތައް ދޭނީ އޮސްޓްރޭލިއާ އާއި ނިއުޒިލެންޑްގަ އެވެ. މިފަހަރުގެ ދަތުރުގައި ސަލްމާނާ އެކު ބައިވެރިވަނީ ސޮނާކްޝީ ސިންހާ އާއި ބިޕާޝާ ބާސޫ އަދި ރެޕާ ބާދްޝާހް އެވެ. އަދި ސަލްމާންގެ "ޖެއި ހޯ"ގެ ބަތަލާ ޑެއިޒީ ޝާހް ވެސް މި ޝޯތަކުގައި ޕާފޯމް ކުރާނެ އެވެ.

ޑެއިޒީ އަކީ ނެށުމުގެ ރޮނގުން ތަމްރީނު ހޯދާފައިވާ ވަރަށް މޮޅު ނެށުންތެރިއަކަށް ވާތީ ސަލްމާންގެ ގިނަ ކޮންސަޓްތަކުގައި އޭނާ ބައިވެރިކުރެ އެވެ.

މި ތަރިންގެ އިތުރުން މަޝްހޫރު ނެށުންތެރިޔާ އަދި ކޯރިއޯގްރާފަރު ޕްރަބޫ ދޭވާ ވެސް ސަލްމާނާއެކު މިފަހަރު ދަތުރުގައި ބައިވެރިވެ އެވެ.

ދަ ޗޮކްލެޓް ރޫމް ކިޔާ އިންޓަނޭޝަނަލް އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމްކުރާ މި ޝޯތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އެ ކުންފުނިން އުންމީދުކުރެ އެވެ.

މީގެ 14 އަހަރު ކުރިން ބޭއްވި ވޯލްޑް ޓުއާއެއްގައި ވެސް ސަލްމާނާއެކު ބިޕާޝާ ބައިވެރިވެފައިވެ އެވެ.