ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ދަރިން ލިބިއްޖެ
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ދަރިން ލިބިއްޖެ

އެއްމާބަނޑު ދެބެންގެ ބައްޕައަކަށް ވެފައިވާކަމަށް ކަރަން ޖޯހަރް ޔަގީންކޮށްދީފި އެވެ. އާދިއްތަ ދުވަހު އޭނާ ނެރުނު ބަޔާނެއްގައި ބުނީ ބައްޕައެއްގެ ރޯލަކީ އޭނާއަށް މުޅިން އާ ރޯލެއް ނަމަވެސް ވަރަށް އުފަލާއެކު އެކަމާ ހަވާލުވެފައިވާ ކަމަށެވެ.

ކައިވެންޏެއް ކޮށްފައި ނުވާ ކަރަން އަށް ސަރަގަސީ މަންމައެއްގެ ފަރާތުން ލިބުނީ ފިރިހެން ކުއްޖަކާއި އަންހެންކުއްޖެކެވެ. އަންހެން ކުއްޖާއަށް ކިޔަނީ ރޫހީ ކަމަށާއި ފިރިހެން ކުއްޖާއަށް ކިޔަނީ ޔާޝް ކަމަށް ކަރަން ބުންޏެވެ.

ކަރަން ބުނި ގޮތުގައި މި ދެ ކުދިން ގެންގުޅޭނީ އޭނާ އާއި މަންމަ ހީރޫ ޖޯހަރް އެވެ.

ޔާޝް އަކީ މީގެ 10 ވަރަކަށް އަހަރު ކުރިން މަރުވެފައިވާ ކަރަންގެ ބައްޕަގެ ނަމެވެ. ރޫހީ އަކީ ކަރަންގެ މަންމަގެ ނަމުގެ ދެ އަކުރު ބަދަލުކޮށްލައިގެން ކިޔާފައިވާ ނަމެކެވެ.

ކަރަން އަށް ދެ ދަރިން ލިބިއްޖެކަން ކަށަވަރުކޮށްދީފައި މި ވަނީ އިންޑިއާގެ ނޫސްތަކުން މި ވާހަކަ ދެއްކި ފަހުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ ކަރަންގެ ދެ ދަރިންގެ އުފަން ދުވަހުގެ ރަޖިސްޓްރީގެ ކަންތައް ހުކުރު ދުވަހު ނިންމާފައިވާ ކަމަށާއި މި ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގައި އެ ކުދިންގެ މަންމައާ ބެހޭ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ. މި ދެ ކުދިން އުފަންވެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ.

ކަރަން އަކީ ކުރީގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޔާޝް ޖޯހަރް އާއި އަންހެން ހީރޫ ޖޯހަރްގެ ހުރި ހަމައެކަނި ދަރި އެވެ.