07 މާޗް 2017 - 06:17

ސްކޮޑްލެންޑުގައި، އުމުރުން ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އެކަނި ދިރިއުޅުނު ލީޑިއާ މެކްޑޮނަލްޑް، 28، ނޭވާހިއްލުމުގެ އެޓޭކެއް އައިސްގެން 2015 ވަނަ އަހަރު ކުއްލިއަކަށް މަރުވުމުން އޭނާގެ ދަރިފުޅު ދެ ދުވަސް ވަންދެން މަންމަގެ ހަށިގަނޑާ އެކު ހޭދަކުރި އެވެ. މި ހާދިސާއަށް ފަހު، އޭނާގެ އާއިލާއިން މިހާރު ވަނީ ނޭވާހިއްލުމުގެ ސަބަބުން މަރުވުމަށް އޮންނަ ނުރައްކާ ކުޑަކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިވުމަށް ކެމްޕޭނެއް ފަށައިފަ އެވެ.
ލީޑިއާ މަރުވީ ނިދާފައި އޮއްވަ އެވެ. މަންމަ މަރުވުމުން ދަރިފުޅު ދެ ދުވަސްވަންދެން ގޭތެރޭގައި ބަންދުވެ، ކާންބޯން ނުލިބި އޮތެވެ.
ލީޑިއާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވީ ފަހުން އެކަމާ ކަންބޮޑުވެގެން އޭނާ ހޯދަން ދިޔައީ އެންމެ ގާތް އެކުވެރިޔާ އެވެ. ގެޔަށް ދިޔައިރު، ތިން އަހަރުގެ ދަރިފުޅު "މަންމަ ހެއެއް ނުލިޔޭ" ކިޔައި ރޯ އަޑު އިވުނެވެ. ދޮރު ހަލާކުކޮށްލައިގެން ގެޔަށް ވަންއިރު ލީޑިއާ އޮތީ މަރުވެފަ އެވެ. ކުޑަ ކުއްޖާގެ ހާލު ދެރަ އެވެ. އެ ކުއްޖާ ދެ ދުވަސް ތެރޭގައި ކެއީ އައިސްއަލަމާރީގައި އޮތް ޗީޒްކޮޅެއް އެކަންޏެވެ. މަންމަ އޮތީ މަރުވެފައި ކަމެއް ކުއްޖާއަކަށް ނޭނގެ އެވެ.
ލީޑިއާގެ ފިރިމީހާ ވެސް ވަނީ ދަރިފުޅު ވަރަށް ތުއްތުއިރު މަރުވެފަ އެވެ. މަންމަ އާއި ބައްޕަ ވެސް މަރުވުމުން މިހާރު ދަރިފުޅު ބަލަހައްޓަނީ ލީޑިއާގެ މަންމަ ލިންޑާ، 58، އެވެ.
ލީޑިއާގެ މަންމަ ބުނި ގޮތުގައި ލީޑިއާގެ ވާހަކަ އެހެން މީހުންނާ ހިއްސާކޮށްގެން މީހުން ހޭލުންތެރިކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތެވެ.
"ލީޑިއާ އަކީ ވަރަށް ހިތްވަރުގަދަ އަދި އަމިއްލަ މިނިވަންކަމަށް ލޯބިކުރާ މީހެއް. ދަރިފުޅަށް ވެސް މަންމަގެ އެ ސިފަތައް ލިބިފައިވާ ކަމަށް ބެލެވޭ. ދެ ދުވަސްވަންދެން އަމިއްލައަށް ކައިބޮއެގެން އެ ވަރު ކުއްޖަކަށް ހުރެވުނީ އެހެންވެހެން ހީވަނީ،" ލިންޑާ ބުންޏެވެ.
ލީޑިއާ މަރުވީ 2015 ވަނަ އަހަރު، ޕާތުގައި ހުންނަ އޭނާގެ ގޭގަ އެވެ. އޭނާ ނޭވާހިއްލާކަން އެނގުނީ އުމުރުން އެންމެ ދެ އަހަރުގަ އެވެ. ލިންޑާއަށް ވަނީ 2001 ވަނަ އަހަރު ވެސް ވަރަށް ނޭވާހިއްލުމުގެ އެޓޭކެއް އައިސްފަ އެވެ. އުމުރުން އެންމެ 14 އަހަރުގައި މި އެޓޭކް އައުމުން އޮކްސިޖަން ގުޅާފައި ހަފުތާއެއް ވަންދެން ބޭއްވި އެވެ.