32 ޕަސެންޓް މީހުން ހިމަބިހި ވެކްސިން ޖަހައިފި: އެޗްޕީއޭ
32 ޕަސެންޓް މީހުން ހިމަބިހި ވެކްސިން ޖަހައިފި: އެޗްޕީއޭ

މީސެލްސް ނުވަތަ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭންގައި ހަފުތާއެއްގެ ތެރޭގައި 32 ޕަސެންޓް މީހުން އެ ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮކެޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ހިމަބިހީގެ ވެކްސިން ޖެހުމުގެ ކެމްޕެއިން މިދިޔަ އާދީއްތަދުވަހު ފެށީ ދެ ހަފުތާގެ މުއްދަތަކަށެވެ. މި މުއްދަތުގައި، އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ 75،000 މީހުންނަށް ވެކްސިން ޖަހަން ވަނީ އަމާޒު ހިފައިފަ އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަމާޒަކީ އެ އެ އުމުރުފުރާގެ 95 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި އުމުރުން އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މީސެލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ކުދިންނަށް ވެކްސިން ދިނުމެވެ.

ރާއްޖެ ވެސް ހިމެނޭ ގޮތަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 11 ގައުމުން 2020 ވަނަ އަހަރު އަންނައިރު، ހިމަބިހި ނައްތާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އަމާޒު ހިފައިފަ އެވެ. ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަން ކަނޑައެޅުމަށް ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވެފައިވާ މި ސަރަހައްދުގެ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕޭންގައި، ވެކްސިން ޖަހަން ޖެހޭ އުމުރުފުރާގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި، ޑަބްލިއުއެޗްއޯގެ ޝަރުތުތައް ފުރިހަމަކުރެވިއްޖެ ނަމަ، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ރާއްޖެ އަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. މިކަމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދޭން އެޗްޕީއޭ އިން އެދެ އެވެ.

- ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް. ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑި އަށް ގެއްލުންވުން ހިމެނޭ. މިއީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެއް.

- ހިމަބިހި ޖެހޭ ކުދިންގެ ތެރެއިން 10 ޕަސެންޓް މި ބަލީގައި މަރުވޭ

- ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ، 10 އަހަރުން ދަށުގެ %90 ކުދިންނަށް މި ބަލި ޖެހޭ. ރާއްޖޭގައި މީސްލްސް ވެކްސިން ދޭން ފެށީ 1983 ގައި އުމުރުން 9 މަހުގައި.

- ހިމަބިހީގެ ވެކްސިން ހިމެނޭ އެމް.އެމް.އާރު ވެކްސިން ދޭން ފެށީ އަދި 2007 ވަނަ އަހަރުން ފެށިގެން އުމުރުން 18 މަހުގެ ކުދިންނަށް. އަދި މި ވެކްސިން ޖަހަން ފެށުމުން ރާއްޖޭގެ ތުއްތު ކުދިންނަށް މީސްލްސްގެ 2 ޑޯޒް ފުރިހަމަކޮށްދެވޭ.

- މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަވުމުން ހިމަބިހިން ފުރިހަމަ ރައްކާތެރިކަން ލިބޭ.

- މީސްލްސް ވެކްސިން، އެމް.އެމް.އާރް ވެކްސިން ނުވަތަ އެމް. އާރ ވެކްސިން ކުރިން ޖަހާފައި ވިޔަސް، އަދި ދެ ޑޯޒް ހަމަވެފައި ވިޔަސް 15-25 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންނަށް މި ވެކްސިން ޖެހިދާނެ. އިތުރު ޑޯޒް ޖެހުމަކުން އެއްވެސް ގެއްލުމެއް ނުވާނެ.

- ހިމަ ބިހީގެ ވެކްސިންގެ ދެޑޯޒް ފުރިހަމަ ފުރިހަމަވުމުން މުޅި އުމުރަށް މި ބަލިން ރައްކާތެރިކަން ލިބޭ.

އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީ އަދި ސެނަހިޔާ ހޮސްޕިޓަލާ އެކު މާލޭގެ އެކި ސަރަހައްދުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ. އަދި ޓީމުތައް ރަށްރަށުގައި ވެކްސިން ޖަހާނީ އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލުގަ އެވެ.