ބޯހަރު ދަރިން ކާމިޔާބުވުމުގެ ފުރުސަތު ބޮޑު
ބޯހަރު ދަރިން ކާމިޔާބުވުމުގެ ފުރުސަތު ބޮޑު

ތިމަންނާގެ ދަރި ވަރަށް ބޯހަރޭ، ބަހެއް ނާހަޔޭ ބުނެ އެކަމާ ދެރަވެގެން އުޅޭ މީހުން ވަރަށް ގިނަ އެވެ. އެކަމަކު އެއްވެސް ކުއްޖަކީ ބަސް ނާހާ ކުއްޖެއް ނޫނެވެ. ކޮންމެ ކުއްޖަކާ ވެސް މުއާމަލާތުކުރަންޖެހޭ ގޮތް ތަފާތެވެ.

މައިންބަފައިން ބުނާ ގޮތް ފަސޭހައިން ގަބޫލު ނުކުރާ ކުދިންނަކީ ބޯހަރު ކުދިން ކަމަށް ކިޔައި އުޅެ އެވެ. ގިނަ މީހުން ބޭނުންވަނީ ތިމާގެ ދުލުން ބަސް ބުނާ ހިނދުން ދަރިފުޅު އެގޮތަކަށް އަމަލުކުރަން ފަށާށެވެ. ގިނަވާނީ އެހެން ނުވާ ފަހަރެވެ. އެކަމަކު "ބޯހަރު" ކަމަކީ ދެރަވެ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.

ޑިވެލޮޕްމަންޓް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ، 40 އަހަރު ދުވަހުގެ މުއްދަތަކަށް ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާގައި ބުނާ ގޮތުން ކުޑައިރު އަދި ފުރާވަރުގައި ބޯހަރު ކުދިން ކާމިޔާބު މީހުންނަށް ވުމަށް އޮންނަ ފުރުސަތު ބޮޑެވެ. އުމުރުން 12 އަހަރާއި 52 އަހަރާ ދެމެދުގެ 700 މީހެއްގެ މައުލޫމާތު އެއްކޮށްގެން ކުރި ދިރާސާގައި ބަލާފައި ވަނީ ކުޑައިރު މިޒާޖު ހުރި ގޮތާއި ބޮޑެތިވުމަށް ފަހު އެ މީހެއްގެ އުޅުން ހުރި ގޮތެވެ.

މި ދިރާސާގައި ބެލެނިވެރިންގެ ދިރިއުޅުމުގެ ވައްތަފާޅި އާއި ހާލަތަށް ވެސް ރިއާޔަތްކޮށްފައިވެ އެވެ.

މި ދިރާސާ ފެށި އިރު، ދިރާސާގައި ބައިވެރިކުރި ކުދިންގެ އުޅުން ހުރި ގޮތް ބެލި އެވެ. އެގޮތުން ބަސް ގަބޫލުކުރުމާއި މަނާކޮށްފައި ހުންނަ ކަންކަން ކުރާ މިންވަރާއި މައިންބަފައިންނާ ޖަދަލުކުރުން އޮންނަ މިންވަރު ވެސް ބެލި އެވެ. އަދި މި ނޫނަސް އެހެން ބައެއް ސިފަތައް ވަޒަންކުރި އެވެ.

މި ކުދިން ބޮޑެތިވުމަށް ފަހު، އޭގެ ތެރެއިން ކާމިޔާބު މީހުންނަށް ވެފައި ތިބި މީހުންގެ ކިބައިން ކުޑައިރު ފެނުނު އެންމެ އާންމު ސިފަޔަކީ ކޮބައިތޯ ބެލި އިރު އ ސިފަޔަކަށް ވީ "ބޯހަރު" ވުމެވެ.

މި ހޯދުމުން އެނގުނީ ބޯހަރު ކުދިން ކިޔެވުމުގައި ވެސް ޒިންމާދާރު ދަރިވަރުންގެ ގޮތުގައި މަސައްކަތްކުރުމާއި ރަނގަޅު ނަތީޖާ ހޯދަން އޮންނަ ފުރުސަތު ވެސް މަތިކަމެވެ.