ފެރިދު އާއި ބޮޑުފުޅަދު އަށް ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް
ފެރިދު އާއި ބޮޑުފުޅަދު އަށް ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް

ބީއެމްއެލް އިން އއ. ފެރިދު އާއި ބޮޑުފޮޅުދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.

މި ދެ ރަށުގައި ބީއެމްއެލް އިން އަލަށް ހުޅުވި އޭޓީއެމް ސެންޓަރުތަކުން ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާ ކުރުން ހިމެނެ އެވެ.

ހިދުމަތް އިތުރު ދެ ރަށެއްގައި ފެށުމާ އެކު، އއ. އަތޮޅުގައި ބީއެމްއެލްގެ ޖުމްލަ 6 އޭޓީއެމް ސެންޓަރު ހުންނާނެ އެވެ. މި އަތޮޅުގައި ހުރި އޭޓީއެމް ސެންޓަރުތަކުގެ އިތުރުން 2006 ވަނަ އަހަރު ރަސްދޫގައި ހުޅުވި އެ ބެންކުގެ ބްރާންޗް މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ އެ އަތޮޅުގައި ބޭންކިން ހިދުމަތްތައް ދެމުންނެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ސިފަކުރެއްވި ގޮތުގައި، އއ. އަތޮޅުގައި އެ ބެންކުގެ އޭޓީއެމް ވިއުގަ ފުޅާކޮށް ފެރިދު އާއި ބޮޑުފޮޅުދޫގެ ރައްޔިތުންނަށް އަސާސީ ބޭންކިން ހިދުމަތްތައް އިތުރަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރެވުމަކީ އުފަލެކެވެ.

"އަޅުގަނޑުމެން ޑިޖިޓަލް ބޭންކިން ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްތަކާ އެކު މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކަށް އެހީތެރިވުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން 20 އަތޮޅުގައި އެ ބޭންކުގެ 39 ބްރާންޗް ހިންގަ އެވެ. އަދި 91 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 147 އޭޓީއެމްގެ އިތުރުން އޭޖެންޓުން މެދުވެރިކޮށް ވެސް ދަނީ ބެންކިންގެ ހިދުމަތްތައް ދެމުންނެވެ.