27 އޮކްޓޯބަރ 2024 - 19:46

ރާއްޖޭގައި ފުޅާ ދާއިރާއެެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ހަތް އަންހެނަކާއި ދެ އެޖެންޓުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، އެއް ބަޔަކު ޑީޕޯޓުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހުގެ ތެރޭގައި ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެފަދަ ފަސް މައްސަލައަކާ ގުޅިގެން ހަތް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި އުޅުނު ދެ ފިރިހެނުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އަދި މައްސަލަ ތަހުގީގުކުރުމަށް ފަހު އެތަނުން ފަސް އަންހެނުންނާއި އެޖެންޓަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޑީޕޯޓުކުރި މީހުންގެ ތެރޭގައި އެކި ގައުމުތަކުގެ މީހުން ހިމެނެ އެވެ.
މިފަހުން ވެސް އިމިގްރޭޝަނުން ވަނީ ހަށިވިއްކި ބަޔަކު ޑީޕޯޓުކޮށްފަ އެވެ.