ޓައިޓްލް ލަވައިން "ވިޝްކާ"ގެ ވާހަކަ ކިޔައިދޭ
ޓައިޓްލް ލަވައިން "ވިޝްކާ"ގެ ވާހަކަ ކިޔައިދޭ

އަންނަ ބުދަ ދުވަހު ޕްރިމިއާކުރާ ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ. މި ލަވައިން ފިލްމުގެ ވާހަކަ އާއި ފިލްމުގައި ވިޝްކާގެ ކެރެކްޓާ ސިފަކޮށްދެ އެވެ.

މި ލަވަ ކިޔާފައި ވަނީ އެ ފިލްމުގެ އަންހެން ވޯކަލިސްޓް މަރިޔަމް ރިފްގާ އެވެ. މީގެ އިތުރުން މަޝްހޫރު ރެޕާ ސޮއްޕެގެ ރެޕްގެ ބަނޑިތަކާ އެކު، ޑައިރެކްޓަރު/އެކްޓަރު ރަވީ ފާރޫގްގެ އަޑު ވެސް ލަވައިން އިވިގެން ދެ އެވެ.

ފިލްމުގެ ބައެއް މަންޒަރުތައް ވެސް ހިމަނައިގެން ގެނެސްދީފައިވާ ޓައިޓްލް ލަވައިގެ ވީޑިއޯ އިން ރިފްގާ އާއި ސޮއްޕެ ވެސް ފެނެ އެވެ.

މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ އިސްމާއީލް އަދީލް (މިސްޓީ) އެވެ. ލަވަ ލިޔެފައި ވަނީ ސޮއްޕެ އާއި ޖައިލަމް ވަހީދެވެ.

ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، "ވިޝްކާ" ތިން ލަވައެއް މީގެ ކުރިން ވަނީ ބެލުންތެރިނަށް ދޫކޮށްލައިފަ އެވެ. މީގެ އިތުން ފިލްމުގެ ތަފާތު ޓްރެއިލާތައް ވެސް ވަނީ ދައްކާލައިފަ އެވެ.

"ވިޝްކާ" އަކީ އަބްދުﷲ ވިޝާމްގެ ވާހަކައަކަށް، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެ، ރަވީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ކްރައިމް ތުރިލާގެ ލީޑް ރޯލުން ފެނިގެން ދާނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.

ޝްވެކް ސިނަމާގައި އަޅުވާ ފިލްމުގެ ޓިކެޓް އެތަނުން އަންނަނީ ވިއްކަމުންނެވެ. "ވިޝްކާ" ވެގެން ދާނީ ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާ ފުރަތަމަ ދިވެހި ފިލްމަށެވެ.

ރިޝްމީ ޕްރޮޑިއުސްކޮށްފައިވާ "ވިޝްކާ" އަކީ މި އަހަރު އަޅުވާ ދެވަނަ ފިލްމެވެ. އަދި މިއީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ވެސް މެ އެވެ.