05 މާޗް 2017 - 09:20

ލިވަޕޫލް (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ދިހަ ކުޅުންތެރިންނާ އެކު ކުޅުނު ބޯންމައުތާ 1-1 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި 3-1 އިން އާސެނަލް ބަލިކޮށް ލިވަޕޫލް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލް ލީގުގެ ތިން ވަނަ އަށް ޖެހިލީ 27 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ. ރޭގެ ބައްޔާ އެކު އާސެނަލް ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 26 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ޔުނައިޓެޑް މޮޅުނުވުމުން އެ ޓީމަށް ވަނީ ލީގުގެ ގަދަ ހަތަކަށް ވަނުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. ޔުނައިޓެޑް ހަ ވަނައިގައި އޮތީ 26 މެޗުން 49 ޕޮއިންޓާ އެކު އެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޓްރެފޯޑްގައި ބޯންމައުތުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑުން މި މެޗުގައި ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި މާކޯސް ރޯހޯ ޖެހި ލަނޑުންނެވެ. މި މެޗުގެ ތެރެއިން ބޯޅައިގައި ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް އަތުން ބޯންމައުތުގެ ޑިފެންޑަރު ޓައިރަން މިންގްސް ބޮލުގައި އުޅަބޮށިން ޖެހުމުން އެ ޓީމުގެ ކުޅުންތެރިން ވަނީ އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކުމަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. އެކަމު މެޗުގެ ރެފްރީ ކެވިން ފްރެންޑް ދެއްކީ ރީނދޫ ކާޑެކެވެ.
މެޗުގެ 40 ވަނަ މިނިޓްގައި ބޯންމައުތަށް ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޝް ކިންގް އެވެ. ބޯންމައުތަށް މައްސަލަތައް ދިމާވީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އެންޑްރޫ ސާމަން އަށް ރަތް ކާޑު ދެއްކުމުންނެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތައް ބޯންމައުތު ކީޕަރު އާޓާ ބޮރުޗް ވަނީ މަތަކޮށްފަ އެވެ. މި ގޮތުން ޔުނައިޓެޑް މޮޅުކޮށްދޭން މެޗުގެ 72 ވަނަ މިނިޓްގައި އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ ވެސް ބޮރުޗް ވަނީ މަތަކޮށްފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން ބަލިވުމުން ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކުރުންވަނީ އެ ޓީމަށް މުހިއްމުވެފަ އެވެ. ރޭގެ މެޗުގައި ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ފުރަތަމަ ހާފްގައި ދެ ލަނޑު ޖެހި އެވެ.
ލިވަޕޫލަށް މެޗުގެ 9 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އަދި މެޗުގެ 40 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖެހީ ފިރްމީނޯ ދިން ބޯޅަ އަކުން ސަޑިއޯ މާނޭ އެވެ.
މި މޮޅާ އެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެފައިވަނީ 1999-2000 ވަނަ ސީޒަނުގައި ޖެރާޑް ހޫލިއޭ އަށް ފަހު އެއް ސީޒަނެއްގެ ލީގު ދެ މެޗުން އާސެނަލް ބަލިކުރި ލިވަޕޫލްގެ ފުރަތަމަ ކޯޗަށެވެ.
އާސެނަލުން މި މެޗު ކުޅުނީ ފުރަތަމަ އެގާރައިގައި އަލެކްސިސް ސަންޗޭޒް ނުލަ އެވެ. ދެ ވަނަ ހާފްގައި އޭނާ ކުޅެން އެރުވުމާ އެކު އާސެނަލްގެ ކުޅުން ރަނގަޅުވި އެވެ. އަދި ސަންޗޭޒް ދިން ބޯޅަ އަކުން މެޗުގެ 57 ވަނަ މިނިޓްގައި ޑެނީ ވެލްބެކް ވަނީ ލަނޑެއް ޖަހައި އާސެނަލަށް މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ.
ލިވަޕޫލުން ތިން ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކައުންޓަ އެޓޭކެއްގައި ޑިވޮކް އޮރީގީ ދިން ބޯޅަ އަކުން މި ލަނޑު ޖެހީ ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލެސްޓާ ވަނީ 3-1 އިން ހަލް ސިޓީ ބަލިކޮށްފަ އެވެ. ސްވަންސީ ސިޓީ އަތުން 3-2 އިން ބާންލީ ބަލިވިއިރު، ސްޓޯކް ސިޓީ ވަނީ 2-0 އިން މިޑްލްސްބަރާ އަތުން މޮޅުވެފަ އެވެ.