24 އޮކްޓޯބަރ 2024 - 15:56

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ގާނާ މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ގާނާގެ ރައްޔިތެއް ކަމަށްވާ އައްޕިއަހް ޖޭމްސް، މިދިޔަ ޖޫން މަހު ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެއަށް އައި އިރު އެއީ ކަސްޓަމްސްގެ އިންޓެލިޖެންސުން އިތުރަށް ބަލައި ފާސްކުރަން ޖެހޭ މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވާތީ އޭނާ ޗެކްކޮށްފައިވެ އެވެ.
ސްކޭން ކުރި އިރު އޭނާގެ ހަށިގަނޑުގައި "ފޮރިން ބޮޑީސް" ހުރި ކަމަށް ދައްކާތީ އައިޖީއެމްއެޗަށް ގެންގޮސް ވެސް ސްކޭން ހެއްދި އެވެ. އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭތީ އޭނާ ހައްޔަރުކުރީ އެވެ.
އޭނާ އެކި ފަހަރު މަތިން ބޮޑުކަމުދިޔަ ތަކެތީގެ ތެރޭގައި 108 ބްލެޓް އޮތް ކަމަށާއި އެއިން 1461 ގްރާމްގެ ކޮކެއިން ފެނިފައިވާ ކަމަށް ދައުވާގައިވެ އެވެ. މި މައްސަލައާ ގުޅިގެން އައްޕިއަހްގެ މައްޗަށް ދައުވާކުރީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.
އިއުތިރާފުގެ މައްޗަށް ބަލައި އައްޕިއަހްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވާފައިވަނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އަދި 100،000 ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ތެރޭ ދައްކާ ހަލާސްކުރަން ވެސް ހުކުމް ކޮށްފައިވެ އެވެ.