23 އޮކްޓޯބަރ 2024 - 18:39

ކުލަ ފާޓާތަކެއް އަރުވައިގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތައް ވެއްޓި، މަގުމައްޗަށް އެޅުނު ކުލަތައް ސިފައިން މިއަދު ނިކުމެ ސާފުކޮށްފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދު ސާފުކުރީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ކަމަށެވެ.
އެ ހާދިސާ ހިނގި މަންޒަރު ދުށް މީހަކު މިއަދު "މިހާރު" އަށް ބުނީ ޕިކަޕު ފަހަތުގައި ބަރިބަރިއަށް ކުލަ ފާޓާތައް އަރުވައިގެން އައި ޕިކަޕު މާލެއަށް އަރައި ސެނަހިޔާ ހޮސްޕިޓަލާވީ ކޮޅަށް އަނބުރާލި ވަގުތު ހައިވޭ މައްޗަށް ސާޅީހަކަށް ކުލަ ފާޓާ ވެއްޓުނު ކަމަށެވެ. އޭގެ ތެރެއިން ބައެއް ފާޓާތައް ފަޅައިގެން ގޮސް މުޅި މަގުގައި އޮތީ "ކުލަލެވިފަ" އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެއީ، މެލޭޝިއާގެ "ސީމާސްޓާ" ބްރޭންޑުގެ ކުލަ ފާޓާތަކެކެވެ. ނަމަވެސް، މި ކުލަ ފާޓާތައް ގެންދަން އުޅުނީ މާލޭގެ ކޮންތަނަކަށް ކަމެއް ޔަގީނެއް ނުވެ އެވެ.