05 މާޗް 2017 - 06:27

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
މާލޭގެ ހޮސްޕިޓަލުން ދެން އެ މައްސަލަ ބަލަންފެށީ ފުލުހުންނާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ސިއްރިޔާތުގައެވެ. އަނީތާ ދިން މަޢުލޫމާތުގެ މައްޗަށް ބުރަވެ، ކުރިން ހެދިފައިވާ ޓެސްޓުގެ ނަތީޖާތަކާ އަޅާކިއުނެވެ. ފެނުނީ ހައިރާންކުރަނިވި ކަންތައްތަކެކެވެ. ރީނާގެ ގައިން ދެ ފަހަރު ނެގި ލޭ ތަފާތެވެ. ކުޑަކަމުދާ އެއްޗެހިން ވެސް ދެ ފަހަރު ނެގި އެއްޗެހި ތަފާތެވެ. މާނައަކީ، އެ އިން ކޮންމެ އެއްޗެއް ލެބޯޓަރީއަށް ލިބިފައިވަނީ އެހެން އެއްޗެއް އެ އަށް އެއްކޮށްގެންނެވެ. މަސްހުނިކޮށް އޮޅުވައިލައިގެންނެވެ. ސާމްޕަލު ހިފައިގެން ލެބޯޓަރީއަށް އަންނަނީ ސީދާ ރަމްޒިއްޔާއެވެ. އޭނައަކީ ނަރުހެއްގެ ވަޒީފާގައި އުޅެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. ބޭސްތަކަށް އަހުލުވެރި މީހެކެވެ. ޑޮކްޓަރުންނަށް މަގު އޮޅުވާލެވޭނެ ގޮތް އެނގޭވަރުގެ މީހެކެވެ. ހަމަ އެހެންމެ ރީނާގެ މަންމައެވެ. ދަރިފުޅުގެ ބަލި ފަސޭހަވާން އެންމެ ބޭނުންވެގެން އުޅޭ މީހާއެވެ. އެކަކު ވެސް ކުރިން ޝައްކު ނުކުރީ އެހެންވެއެވެ. ސުވާލަކީ، އެ ފަދަ ކަމެއް މަންމައަކު ކުރީ ކީއްވެގެން ހެއްޔެވެ؟ އަބަދުވެސް ރީނާގެ އިތުރު ޓެސްޓުތައް ހަދައި، ފަރުވާދިނުމަށް އެ މަންމަ ބާރުއެޅީ ކީއްވެގެން ހެއްޔެވެ؟ ޙަޤީޤީ މައްސައަކީ ކޮބައިހެއްޔެވެ؟
ރީނާގެ ހާދިސާއަކީ، މައްސަލައިގެ ވަށައިގެން ވަގުތުން ބޮޅެއް އަޅައިލުމަށް ފަހު ގަލަން ބޭއްވޭ ކަހަލަ ހާދިސާއެއް ނޫނެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް ހުއްޓެވެ. ޑޮކްޓަރުންނަށް ނުބައި މަޢުލޫމާތު ދީގެން ދަރިއަކަށް އެކި ކަހަލަ ފަރުވާދޭން މަންމައަކު ބޭނުންވީ ކީއްވެ ހެއްޔެވެ؟ ދެމައިންގެ ލޯތްބަށް ދިވެހިން މިސާލުޖަހާ މަންމައަކު އެހައި ކެހިވެރިވީ ކީއްވެ ހެއްޔެވެ؟ އެ މަންމަގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ދަރިފުޅުގެ އުމުރުގެ ބޮޑު ބައި ހޮސްޕިޓަލުގައި ހޭދަކުރުވައިގެން މަންމައަކަށް ލިބޭނީ ކޮން ކަހަލަ އުފަލެއް ހެއްޔެވެ؟ ރަމްޒިއްޔާގެ ދެމަފިރިންގެ އަމާޒަކީ ފައިސާ ހެއްޔެވެ؟
ފުލުހުންގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ހޯދަން ހިންދެމިލި ވަގުތު، އަނެއްކާ ވެސް އެހެން އަތަކަށް މައްސަލަ ފުރޮޅުނެވެ. އެ ރޭގެ ޚަބަރުގައި ފޮނުވި ރަމްޒިއްޔާގެ ބަސްދީގަތުމެއްގެ ސަބަބުންނެވެ.
"ފައިސާ ބޭނުމެއް ނޫން،" ރަމްޒިއްޔާގެ އިލްތިމާސްއެއްގައި އޭނާ ބުންޏެވެ. "މީގެ ފަހުން އެއްވެސް ބޭފުޅަކު ރީނާގެ ނަމުގަ ފައިސާ ނުނަންގަވާތި! އަޅުގަނޑުމެން އަތުގަ މިހާރު ފައިސާ އެބަހުރި. ތަކުރާރުކޮށް މި ދަންނަވަނީ، ބޭނުންވަނީ ދުޢާ. އަޅުގަނޑުމެންގެ ދަރިފުޅަށް ޝިފާދެއްވާތޯ ދުޢާކޮށްދެއްވާ! ހެޔޮނުވާނެ."
ޓީވީ ބެލި އެންމެންގެ ލޯތައް ކަރުނައިން ތެންމައިލިއެވެ. ރީނާއަށާއި އެ ހިތްވަރުގަދަ މަންމައަށް އޮތް ލޯބި އިތުރުވެގެންދިޔައެވެ. އެހެން ވިސްނުމަކުން އެ މަންޒަރުބަލަން ތިބީ، އެ މައްސަލަ ބަލަމުންދިޔަ ތަޙުޤީޤުޓީމުގެ މީހުންނެވެ. އަނީތާ ނެރިފައިވާ ނަތީޖާތަކާ މެދު އެ ޓީމުން ސުވާލު އުފެއްދިއެވެ. ރީނާގައިން ލޭނެގުމުގެ ތެރޭގައި ދެބަސްވުމެއް އުފެދުނުކަން އެއީ ސިއްރެއް ނޫނެވެ. އެންމެންގެ ކުރިމަތީގައި ރަމްޒިއްޔާ އަރާރުންވުމުން އަނީތާ އޭގެ ބަދަލުހިފީބާއެވެ؟ ރަމްޒިއްޔާއަށް އަދަބެއް ދޭން ބޭނުންވީބާއެވެ؟ ތުހުމަތެއް އެ މަންމަގެ ބޮލުގައިއަޅުވައިގެންނެވެ. ޓީމުގެ އެއް މެންބަރަކު ފާޅުގައި އެ ސުވާލު ކުރިއެވެ. އެހެންނަމަވެސް، ގިނަ މެންބަރުން އިއްތިފާޤުވީ މައްސަލައިގެ ތެރެއަށް އިތުރަށް ފީނުމަށެވެ. ނޫން ނަމަ، ރީނާގެ ފުރާނައަށް ނުރައްކާ ވެދާނެތީއެވެ. ވަގުތު ފާއިތުވެދާނެތީއެވެ. ރަމްޒިއްޔާއަށް ލިބިފައިވާ މަޝްހޫރުކަމާއި، ހަމްދަރުދީގެ ސަބަބުން ނުކުމެދާނެ އެހެން މައްސަލަތަކަށް ވެސް ޓީމުން ވިސްނިއެވެ. ކަމުގެ އަސްލާ ހަމައަށް ދެވުމުގެ ކުރިން، ސޯޝަލް މީޑިޔާއިން ފެންގަނޑު ކިލަނބުކޮށްލަފާނެތީއެވެ. މައްސަލަ ކުރިއަށްގެންދިޔައީ ވަރަށް އަޑިންނެވެ. ނޫސްރިޕޯޓަރަކަށް ނުވަތަ އަވަށްޓެރިއަކަށް ވެސް ޝައްކުނުވާ ގޮތަށެވެ. ސީދާ ފުލުހުން ސުވާލު ކުރުމުގެ ބަދަލުގައި އެ ކަން ކުރީ، ޑޮކްޓަރުންނާއި ނަރުހުންނެވެ. އެކި ފަހަރުމަތިންނެވެ. ހަމަ އެހެންމެ، ދެން ރީނާ އެޑްމިޓުކުރި ކޮންމެ ފަހަރަކު، ތަންކޮޅެއް ކައިރިން ވާނުވާ ބަލަމުންގެންދިޔައެވެ. ކުރިން ބެލި ނަޒަރަކުން ނޫނެވެ. ޝައްކުގެ ނަޒަރަކުންނެވެ.
ރަމްޒިއްޔާގެ ބޯކޮޅުބަލަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ހިތި ޙަޤީޤަތްތަކެއް ތިލަވާން ފެށިއެވެ. ރީނާގެ ގަޔަށް ގުޅައިފައިހުންނަ އެކި އެއްޗެއްސާ މީހަކު ކުޅެފައިހުންނަކަން ނަރުހުންނަށް ފާހަގަވާން ފެށިއެވެ. ރީނާއަށް ދޭ ބޭސްތައް ކުނިވަށިގަނޑުގެ ތަންކޮޅެއް އަޑިން ފެންނަން ފެށިއެވެ. އެ ކަން ކުރަނީ ކާކު ހެއްޔެވެ؟ ރީނާއަށް މީހުންގެ ސަމާލުކަން ލިބޭތީ އެ ކަމާ ރުޅިއަންނަ މީހަކު ހޮސްޕިޓަލުގެ މުވައްޒަފުން ތެރޭގައި އުޅެނީބާއެވެ؟ މަންމަ ނޫން އެހެން މީހަކު ރީނާ ގާތުގައި ހުންނަ ވަގުތުތަކުގައި ރީނާގެ ހާލަތު ރަނގަޅުވާކަމާއި، މަންމަ އައުމާއެކު އަބަދުވެސް ރީނާގެ ހާލު ދަށްވާ ކަން ވެސް ފާހަގަވިއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ލޯބިވާ ދަރިއަކު ބަލިކުރަން މަންމަ ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އެއީ ވެދާނެކަމެއް ހެއްޔެވެ؟ ހީވާހީވުމެއް ހެއްޔެވެ؟
ހަރުދަނާ ޖަވާބެއް ލިބުނީ، ހުޝިޔާރު ނަރުހަކަށް ފާހަގަކުރެވުނު ކަމަކުންނެވެ. ނަރުސްކުއްޖާ އައިވީ ގުޅިއިރު އެ ތަނުގައި އިނީ ރަމްޒިއްޔާ އެކަންޏެވެ. ނަރުސްކުއްޖާ އެ ތަނުން ނުކުމެފައި، އިރުކޮޅެއް ނުވެ އެ ތަނަށް ވަދެ އައިވީ ޗެކު ކޮށްލިއިރު، އިތުރު ލޯވަޅެއް އައިވީގައި ހުއްޓެވެ. ހަމަ އެހެންމެ، ކުރިން އެ ތާނގަ ނެތް ކުޑަ ފުޅިއެއް ހުއްޓެވެ. އެ ފުޅީގައި ކަޅުކުލައިގެ ދިޔާއެއްޗެއް ހުއްޓެވެ. ނަރުސްކުއްޖާއަށް އެ ފުޅި ފެނުނުކަން އެނގޭއިރަށް ރަމްޒިއްޔާ އައިސް އެ ފުޅި ނަގައި ދަބަހަށް ލިއެވެ. ނަރުސްކުއްޖާ ވަގުތުން އެ ކަން މެނޭޖަރަށް އެންގިއެވެ. ރަމްޒިއްޔާއަށް ޝައްކުވިއެވެ. ފުޅި އެއްލައިލަން މަސައްކަތް ކުރިއެވެ. އެ ކަން ކާމިޔާބު ނުވީއެވެ. ފުލުހުން އައީ ޑޮކްޓަރަކާ އެއްކޮށެވެ. އައިވީ ގެންގޮސް ޓެސްޓުކުރިއިރު އެ އަށް ހުރީ އެއްޗެއް އެއްކޮށްފައެވެ. ރަމްޒިއްޔާގެ ދަބަސް ބެލިއިރު، އެތައް ބައިވަރު ބޭހެއް އެ ދަބަހުން ފެނުނެވެ. ކޮންމެވެސް އެއްޗެއް އަޅައިފައިވާ ސިލިންޖެއް ވެސް އޮތެވެ. ސިލިންޖުގައި ހުރި އެއްޗެއްގެ ދެބައިކުޅަ އެއްބަޔެއް ނެތެވެ. ސިލިންޖުގައި ބާކީ ހުރި އެއްޗާއި އައިވީއަށް އަޅައިފައިވާ އެއްޗާ ދިމާވިއެވެ. އޭގެ އެއްވެސް ތަފުސީލެއް ރަމްޒިއްޔާއަކަށް ނުދެވުނެވެ.
ރަމްޒިއްޔާ ހައްޔަރުކުރިއެވެ. އެ ޚަބަރުން މުޅި މާލެ ސިއްސުވައިލިއެވެ. ދަރިންނަށް މައިން އަނިޔާކުރާކަން ވަރަށް ގިނަ މީހުން ގަބޫލުކުރިއެވެ. އެކަމަކު، ރީނާއަށް ރަމްޒިއްޔާ އަނިޔާކޮށްފާނެކަމަށް ގަބޫލުކުރީ ވަރަށް މަދު މީހެކެވެ. ރަމްޒިއްޔާ ފަދަ އޯގާތެރި މަންމައަކަށް ފުލުހުން ޝައްކު ކުރީތީ އެތައް ބަޔަކު ފުލުހުންނަށް ފާޑުކިއެވެ. މަލާމާތް ކުރިއެވެ. ޝަރީޢަތް ދިގުދެމިގެންދިޔައެވެ. އަނީތާ ހޯދައިފައިވާ ހެކިތަކާއެކު، ހެކީގެ ބޮޑު ފުނިވަރެއް ދަޢުލަތުގެ ވަކީލުން އޮއްސައިލިއެވެ. ފަހަރަކު ތުހުމަތެއް ރަމްޒިއްޔާގެ ކަރުގައި ބެދެމުންގޮސް އޭނަގެ ނޭވާ ހާސްވާ ވަރަށެވެ. އެންމެފަހުން ރަމްޒިއްޔާ އެއްބަސްވިއެވެ. ދަރިފުޅަށް ކުރި އެކިއެކި އަނިޔާތައް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. އަޑުއަހަންތިބި މީހުން ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. ސަބަބު އޮޅުންފިލުވަން ވަކީލު ވަރަށް މަސައްކަތް ކުރިއެވެ. ރަމްޒިއްޔާއަށް ބުނެދޭކަށް ނޭނގުނެވެ. ފުލުހުންނަކަށް ވެސް ނޭނގުނެވެ. އެކަކަށް ވެސް ނޭނގުނެވެ.
ހައިރާންކަން ގެނުވި އަނެއްކަމަކީ، ރަމްޒިއްޔާ ހައްޔަރުކުރުމާއެކު ރީނާގެ "ބަލި" ރަނގަޅުވާން ފެށިކަމެވެ. އެ ދިޔަ ބާރުމިނުގައި ރަނގަޅުވަމުން ގޮސް އެއްކޮށް ފަސޭހަވިއެވެ. އެއީ އިއްތިފާޤެއްކަމަށް ގަބޫލުކުރި ބަޔަކު ވެސް އުޅެއެވެ. މުޅި މައްސަލަ ސިޔާސީ ކުޅިގަނޑަކަށް ހަދައި، ޙަޤީޤަތް އޮޅުވައިލި ބަޔަކު ވެސް އުޅެއެވެ. އެހެންނަމަވެސް، ފުލުހުންގެ ނަޒަރުގައި ރީނާއަށް އިންސާފު ހޯދައިދެވުނެވެ. ކުށްވެރިޔާއަށް އަދަބު ވެސް ދެވިއްޖެއެވެ. ރަމްޒިއްޔާ ގަސްތުގައި ރީނާ ބަލިކުރީއެވެ. އެތަކެއް އަހަރެއް ވާންދެނެވެ. އެއްބަޔަކު ގަބޫލުކުރި ގޮތުގައި، ރަމްޒިއްޔާގެ ފަރާތުން ރީނާއަށް ލިބުނީ މުޅީން ވެސް ލޯތްބެވެ. ކުލުނެވެ. އަޅާލުމެވެ. ކޮންމެ ކަމެއްގައި ވެސް އެކި މީހުންގެ ވިސްނުން ތަފާތުވާހެން އެ ކަމުގައި ކަންތައް ވީ އެހެންނެވެ. ރަމްޒިއްޔާ ފަހުން ބުނި ގޮތުގައި ރަމްޒިއްޔާއަށް ލިބުނީ ނުޙައްޤު އަދަބެކެވެ. އޭނައަކީ ހިތްހެޔޮ މަންމައެކެވެ. ދަރިފުޅަށް ރަމްޒިއްޔާ އަނިޔާ ކުރިކަމަށް އެއްބަސްކުރުވީ މަޖުބޫރުކޮށްގެންނެވެ. ހުވަފެނުން ވިޔަސް އެ ފަދަ ކަމެއް ރަމްޒިއްޔާ ނުކުރާނެއެވެ. އަބަދު ވެސް ރަމްޒިއްޔާ ބޭނުންވީ ދަރިފުޅު ގާތުގައި ހުންނާށެވެ. ރަމްޒިއްޔާ ޖަލަށް ލައިފި ނަމަ ރީނާއަށް އެ ދެވުނީ ވަރަށް ބޮޑު ދެރައެކެވެ.
ބަޔަކު ދުށް ގޮތުގައި ރަމްޒިއްޔާއަކީ މަކަރުވެރި، ނުރައްކާތެރި އަންހެނެކެވެ. އަނިޔާވެރި ދޮގުވެރިއެކެވެ. އޭނައަކީ ދެ މޫނުގެ ވެރިއެކެވެ. ގޭތެރޭގައި ދަރިފުޅާއެކީގައި އުޅޭއިރު ރަމްޒިއްޔާ ދައްކަނީ، ގެއިން ބޭރުގައި ދައްކާ މޫނެއް ނޫނެވެ. ރީނާއަށް ރަމްޒިއްޔާ ކާން ނުދިނީއެވެ. ރީނާގެ ފަރާތުން ފެނުނު އެކި ކަހަލަ ޢަލާމާތްތަކަކީ ރަމްޒިއްޔާ ގަސްތުގައި ކާންދިން އެކި ކަހަލަ އެއްޗެހީގެ ނަތީޖާއެވެ. ސަރުކާރުން ދަރިފުޅު ސަލާމަތް ނުކުރި ނަމަ، އެ ގެއިން ނެރެންޖެހުނީ ރީނާގެ ސަންދޯކެވެ. ބޭނުން ނެތް އެތައް އޮޕަރޭޝަނެއްގެ ސިކާރައަކަށް ރީނާ ވަނީ ވެފައެވެ. ބޭކާރު ބޭސްތަކާއި، ވޭންދެނެވި ފަރުވާތައް އެ މައުސޫމު ކުއްޖާއަށް ވަނީ ދެވިފައެވެ. ނޫސްރިޕޯޓަރަކު ބުނިގޮތުގައި، ބަލީ ރީނާއެއް ނޫނެވެ. ރަމްޒިއްޔާއެވެ. އެ މަންމައަށް ޖެހިފައިވަނީ ނަފުސާނީ ބައްޔެކެވެ. ޙަޤީޤަތަކީ އެއީއެވެ.
ރަމްޒިއްޔާއަށް ޖެހިފައިވާ ނަފުސާނީ ބައްޔަށް ކިޔަނީ މަންޗައުޒަން ސިންޑްރޯމް ބައި ޕްރޮކްސީއެވެ. އެ ބަލީގެ ސިކާރައަކަށްވާ މީހާ އެހެން މީހުންގެ ސަމާލުކަމަށް ދަހިވެތިވާނެއެވެ. އެ ސަމާލުކަން ހޯދުމަށް ޓަކައި އޭނަ ބަލަންޖެހިފައިވާ ކުޑަކުއްޖަކަށް ނުވަތަ މުސްކުޅިއަކަށް އަނިޔާ ކުރާނެއެވެ. އެ ފަކީރު ހިންދަމައިލިޔަކަ ނުދޭނެއެވެ. އެ ކަން ކުރާނީ ބޭސްވެރިކަމާ ބެހޭ ޢިލްމު ކޮންމެވެސް ގޮތަކުން ހޯދައިގެން، ހުސިޔާރުކަމާ އެކުގައެވެ. އަދި އޭނަޔަށް އެހީތެރިވެދީގެން، މީހުންގެ ސަމާލުކަމާއި ހަމްދަރުދީ ހޯދާނެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާނެއެވެ. އެންގަނޑަކަށް ތިމާގެ ދަރިފުޅު ވެސް ބޭނުންކޮށްފާނެއެވެ. ފަޅާއެރިޔަނުދިނުމަށް ޓަކައި ކޮންމެފަދަ ވާހަކައެއް ވެސް އެ މީހުން ހަދައިލާނެއެވެ. ކޮންމެ ލައްކައަކުން ދެ މީހަކަށް ޖެހޭ މި ބައްޔަކީ ދަނެގަންނަން އުނދަގޫ، ފަރުވާއެއް އަދި ހޯދިފައި ނުވާ ބައްޔެކެވެ. ބަލި ޖެހޭ ސީދާ ސަބަބެއް ވެސް އަދި ނޭނގެއެވެ. ރަމްޒިއްޔާއަކީ ރާއްޖެއިން މި ބަލި ފެނުނު ފުރަތަމަ މީހާއެވެ.
ނިމުނީ