23 އޮކްޓޯބަރ 2024 - 14:06

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވިތާ މަހެއްހާ ދުވަސް ފަހުން މިއަދު އަލުން ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ މަހުގެ 25 ގަ އެވެ. އެ ފުރުސަތުގައި މީޑީއާތަކުން ހޮވާ ހަތް މެމްބަރުންގެ ޖާގައަށް 8 މީހަކު ކުރިމަތިލި އެވެ.
އެ އިންތިހާބަށް މީޑިއާތަކުން ކެމްޕެއިންކޮށް ވޯޓަށް ތައްޔާރުވެފައި ވަނިކޮށް، ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މީީޑިއާ ކައުންސިލުގެ 10 މެމްބަރުންގެ މުއްދަތު ހަމަވާތީ އެ ކައުންސިލަށް މެމްބަރުން އިންތިހާބުކުރުމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މެމްބަރު ކަމަށް ކުރިމަތިލާ ފޯމާއި ލިޔުންތައް މިހާތަނަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެމްބަރުކަމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ވޯޓުލުމަށް ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތު ވެސް ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މީޑިއާތަކުން ހޮވާ މެމްބަރުންނާ އެކު މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިބެ އެވެ. އެކަމަކު ބައެއް މެމްބަރުންގެ ދައުރު ހަމަނުވާތީ މި ފަހަރު ހޮވާނީ ޖުމްލަ 10 މެމްބަރުންނެވެ. އެއީ، މީޑީއާތަކުން ހަތް މެމްބަރުންނާއި އާއްމުންގެ ތެރެއިން ތިން މެމްބަރުންނެވެ.
މީޑިއާ ކައުންސިލަށް މެމްބަރުން ހޮވަނީ ދެ އަހަރުގެ މުއްދަތަކަށެވެ.