23 އޮކްޓޯބަރ 2024 - 12:11

ދިރާގު މޯލްޑިވްސްގެ ރޯޑް ރޭސް ކުރިއަށް ގެންދާ ވަގުތުތަކުގައި، އެއްގަމު އުޅަނދުތަކަށް ނުދުއްވޭ ގޮތަށް ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި، ދިރާގުގެ ދުވުން އޮންނަ ރޫޓްތަކުގައި ހުކުރު ދުވަހުގެ ފަތިހު 5 އިން ހެނދުނު 9 އަށް އަދި ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާވާނެ އެވެ.
މި ދުވުން ސެންޓްރަލް ޕާކުން ފަށައި ނިންމާނީ ވެސް އެތަނަށެވެ.
ހައިވަކަރު މަގު
ބޯށިމާ ހިނގުން
މިދިލި މަގު
ފިތުރޯނު މަގު
ކުރެދިމާ ހިނގުން
ރީތި ގަސް މަގު
ބަގީޗާ ހިނގުން
މިއީ، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ސަރަހައްދުތަކުގައި ހިމެނޭ މަގުތަކެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ދިރާގު ރޯޑް ރޭހުގައި މި އަހަރު 4،400 ދުވުންތެރިން ބައިވެރިވެ އެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނެވެ. އަދި 5ކޭ ރޭސް ކުރިއަށް ދާނީ ހަވީރު 4:30ގަ އެވެ.
ދިރާގުން ބުނީ މަގުތައް ބަންދުކުރުމުގެ ހުއްދަ ހޯދާފައި ވަނީ ރޭހުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.