23 އޮކްޓޯބަރ 2024 - 11:54

ހުޅުމާލޭ ދެއަކުން ލައިޓް އިންޑަސްޓްރިއަލް ކަންކަމަށް ބީލަމުގެ އުސޫލުން ވިއްކަން ހުޅުވައިލި 16 ބިމުގެ ސައިޒާއި ބީލަމުގެ އަގަށް އެޗްޑީސީން ބަދަލުތަކެއް ގެނެސް، އެ ބިންތައް ގަތުމަށް ހުޅުވާލައިފި އެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި މި ބިންތަކުގެ ބީލަން ފެށޭ އަގެއްގެ ގޮތުގައި ކުރިން އޮތީ 7،500ރ. އެވެ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލުގެ ދަށުން ބީލަން ފެށޭނީ 5،500ރ. އަށެވެ.
މި މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން ވިއްކަން ހުޅުވާލީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ނަމަވެސް ބިމުގެ ސައިޒަަށް ބަދަލު ގެެނެސް އެ ކުންފުނިން ރޭ ކުރި އިއުލާނުގައި ބުނީ ވިއްކަނީ 1،515 އަކަފޫޓާއި 1،538 އަކަފޫޓުގެ ބިންތަކެއް ކަމަށެވެ.
އުމުރުން 18 އަހަރު ވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭ މި ބީލަމުގައި ވިއްކާނީ 16 ބިމެވެ.
އެޗްޑީސީން ބުނި ގޮތުގައި ބީލަން ހުށަހަޅާ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހެ އެވެ.
މި ބިންތައް ވިއްކަނީ ދެ މަރުހަލާއަަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ޖެހެ އެވެ. ދެނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަކަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާ ނަމަ ބިޑް ކުރުމެވެ. ބިޑް ސެކިއުރިޓީއަކީ ފަސް ލައްކަ ރުފިޔާ އެވެ.
އެ އިއުލާނުގައިވާ ގޮތުން ކޮންމެ މީހަކަށް ވެސް އެންމެ ގިނަވެގެން ގަނެވޭނީ ތިން ބިމެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ތަންތަނަކީ ކާނާ ރައްކާކުރާ ގުދަނާއި ޝޯރޫމް ކަހަލަ ތަންތަން ހެދުމަށް ދޫކުރާ ބިމެކެވެ. މިތަނުގައި ނުރައްކާތެރި ކެމިކަލާއި އަޑުގަދަވާ ޒާތުގެ ކަންކަން ނުކުރެވޭނެ އެވެ.
ބީލަން ހުށަހެޅޭނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލުންނެވެ.
މި އަހަރުގެ މިހާތަނަށް އެޗްޑީސީން ވިއްކަން ހުޅުވާލި ބިމުގެ އަދަދު 47 އަށް އަރަ އެވެ.