ލަވަކިޔުންތެރިޔާ ބަތޫލް އަށް ފުލުހަކު ފުރައްސާރަކުރި މައްސަލަ ބަލަނީ
ލަވަކިޔުންތެރިޔާ ބަތޫލް އަށް ފުލުހަކު ފުރައްސާރަކުރި މައްސަލަ ބަލަނީ

އުމުރުން 16 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދު ފޭސްބުކްގައި ޕޯސްޓްކުރި ފޮޓޯއެއް، ފުލުހުންގެ ސްޕެޝަލް ކޮންސްޓަބްލަރީގައި އުޅޭ މީހަކު ޝެއާކޮށް، ސޯޝަލް މީޑިއާގައި ބަތޫލް އަށް ފުރައްސާރަކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުސް މީހާ ބަތޫލްގެ ފޮޓޯ ޝެއާކޮށް، ބަރަހަނާ ފިލްމު ކުޅޭ މީހަކާ ބަތޫލްއާ އަޅާ ކިޔާފައިވެ އެވެ. ފުލުސް މީހާ ކުރި ޕޯސްޓަށް ކޮމެންޓްކުރި ބައެއް މީހުން ވެސް ފުލުސް މީހާއާ އެއްބައިވެ ފުރައްސާރާގައި ބައިވެރިވެފައިވެ އެވެ.

ފުލުހުން މި މައްސަލަ ބަލާ ކަމަށް ބުނީ ފުރައްސާރަކޮށް ލިޔެފައިވާ ޕޯސްޓް ބަތޫލް ޓްވިޓާގައި ޝެއާކުރުމާ އެކު އެތައް ބަޔަކު ބަތޫލްގެ ދިފާއުގައި ވާހަކަ ދެއްކި ފަހުންނެވެ.

ފުލުހުންނަކީ ރައްޔިތުންގެ ހިމާޔަތަށް މަސައްކަތްކުރާ ބަޔަކަށް ވާއިރު އުމުރުން 18 ނުފުރޭ ކުއްޖަކާ ފުރައްސާރަކުރެވޭ އިރު އެވަރު ވެސް ނޭނގޭ ކަމަށް ބަތޫލް ކުރި ޓްވީޓްގައި ބުންޏެވެ.

ފުރައްސާރަކުރި މީހާގެ ފޮޓޯއާ އެކު ބަތޫލް ޓްވީޓްކުރުމުން ފުލުސް މީހާ ދިފާއުގައި ކޮށްފައިވާ ޕޯސްޓެއް ވެސް ބަތޫލް ޓްވީޓްކޮށްފައިވެ އެވެ. ފުލުސް މީހާ ބުނެފައި ވަނީ ސެލެބްރިޓީއަކަށް ވުމުން އެ މީހަކާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކާނެ ކަމަށާއި އެ ވާހަކަތައް ބަލައިގަންނަން އެނގެން ޖެހޭނެ ކަމަށެވެ. އަދި އޭނާ ބަތޫލްގެ ފޮޓޯ ޝެއާކޮށްގެން ލިޔުނު އެއްޗަކީ ފުރައްސާރައެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ އެތައް ބަޔަކު ވަނީ މިކަން ކުރި ފުލުސް މީހާ ސަސްޕެންޑްކުރަން ޖެހޭނެ ކަމަށް ބުނެ ފުލުސް އޮފީސް ޓެގްކޮށް ޓްވީޓްކޮށްފަ އެވެ.

ފުލުހުން ކުރި ޓްވީޓްގައި ބުނީ ބަތޫލް އަށް ކުރިމަތިވި ކަންތައް ސަމާލުކަމަށް ގެނައީތީ ޝުކުރު އަދާކުރާ ކަމަށާއި ބަތޫލްގެ ޝަކުވާ ވަރަށް ސީރިއަސްކަމާ އެކު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.