22 އޮކްޓޯބަރ 2024 - 16:15

މަންމައަށް އަނިޔާކޮށް، މަރުގެ އިންޒާރުދީ ފޯނު ފޭރިގަތް މައްސަލާގައި މިއަދު ދަރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިޔާ ޓަވަރު އެޗް13ގެ އެޕާޓްމެންޓެއްގައި ފޭރުނު މައްސަލާގައި ހ. އެހަޑަ، މުހައްމަދު އިސްމާއިލް، 28، ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އެ ގެއަށް ދިޔައީ އަންހެނަކު ރޯއަޑު އިވޭތީ ބަޔަކު ރިޕޯޓްކުރުމުންނެވެ. އެ އެޕާޓްމެންޓުގެ ދޮރުގައި ޓަކި ޖެހުމުން ހުޅުވީ ވެސް އަންހެން މީހާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތަހުގީގަށް އަންހެން ކިޔައިދީފައިވާ ގޮތުގައި، މުހައްމަދު އިސްމާއިލް، އޭނާގެ މަންމައަށް ވަރަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށް ފަހު ފޯނު ފޭރިގެން ދިޔައީ އެވެ.
އެ އަނިޔާތަކާ ގުޅިގެން އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.