ވަގަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު މީހާއަށް ޖޫރިމަނާއެއް
ވަގަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު މީހާއަށް ޖޫރިމަނާއެއް

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރާ އެކު އަތުލައިގަތް ބިދޭސީ މީހާއަށް 12،000ރ. ގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޝަހްމިން އިސްލާމް ޝަގުރު، 32، އެވެ.

ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް މީހާގެ ލަގެޖު ތެރޭ ކޯންފްލޭކްސް ޕެކެޓެއްގައި ބަންދުކޮށް ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވެ އެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ކުރީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާ އެވެ. މި ދައުވާއަށް ޝަހްމިން ވަނީ އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ.

އިއުތިރާފު އެއްބަސްވުމުގައި ޝަހްމިން އެއްބަސްވެފައިވަނީ މައްސަލާގައި ވީހާ ވެސް އަވަހަކަށް ހުކުމްކޮށް، ރާއްޖޭން ޑީޕޯޓްކޮށްލައި އޭނާގެ ގައުމަށް ދެވޭނެ ގޮތް ހަދައިދިނުމަށެވެ.

ޝަހްމިންގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އޭނާގެ މައްޗަށް 12،000 ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވި އެވެ. ޝަހްމިންގެ އަތުން ފެނުނު ޑޮލަރުތައް ދައުލަތަށް ނެގުމަށް ވެސް އަމުރުކޮށްފައިވެ އެވެ.