06 މާޗް 2017 - 06:04

އިނގިރޭސި ރާނީ ތުރުކުރައްވާ ހެދުންތަކާ އެކު ބޭނުންކުރައްވާ ގަހަނާ އާއި އަތްދަބަސް ފަދަ ތަކެތި އެއީ ހަމައެކަނި ޒީނަތްތެރި ކަމުގެ ގޮތުން ބޭނުންކުރައްވާ ތަކެއްޗެއް ނޫނެވެ.

ރާނީ ތަންތަނަށް ވަޑައިގަންނަވާއިރު އާންމުކޮށް ގެންގުޅުއްވާ ކަޅުކުލައިގެ ލޯނާ ދަބަހަކީ ވެސް ވަރަށް ޚާއްސަ މަގްސަދުތަކެއްގައި ގެންގުޅުއްވާ އެއްޗެއްކަމަށް މިކަމުގެ ހަގީގަތް އެނގޭ ބައެއް މީހުން ކިޔައިދީފައިވެ އެވެ. ރާނީއަށް ޚިދުމަތްކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ހޫގޯ ވިކާޒް ބުނާ ގޮތުގައި ރާނީގެ އެންމެ އަރިހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކި ކަހަލަ ސިއްރު ސިގްނަލްތައް ފޮނުއްވުމަށް އެކަމަނާގެ އަތްދަބަސް ބޭނުންކުރައްވަ އެވެ.
ރާނީ ގެންގުޅުއްވާ އަތްދަބަސް އެއް އަތުން އަނެއް އަތަށް ބަދަލުކޮށްލައްވައިފި ނަމަ އޭގެ މާނައަކީ އެވަގުތު އެކަމަނާއާ ވާހަކަ ދައްކަން ހުރި މީހަކާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅުވުމެވެ. އަތްދަބަސް މޭޒެއް މަތީގައި ބަހައްޓަވައިފި ނަމަ އެ ހަފުލާއެއް ދޫކުރައްވައި ވަޑައިގަންނަވަން އެކަމަނާ ތައްޔާރުވެ ވަޑައިގެންނެވީ ކަމަށް ސިގްނަލް ދެއްވުނީ އެވެ.
ރާނީގެ ކައިވެނީގެ އަނގޮޓިއަށް ޚާއްސަ ކަންތައްތަކެއް ވެސް ހުރެ އެވެ. އަނގޮޓި ކުޑަކޮށް އަނބުރާ ލައްވައިފި ނަމަ އެއީ އެ ވާހަކަފުޅު ދައްކަވާ މީހަކާ އެކު ދައްކަވަމުން ގެންދަވާ ވާހަކަފުޅު ވަހުތުން ހުއްޓާލައްވަން ބޭނުންފުޅުވާކަމުގެ ސިގްނަލް އެކަމަނާގެ ޝާހީ އޮފިޝަލުންނަށް ދެއްވުމެވެ. އަދި އަނގޮޓި އަށް މާ ބޮޑަށް އަނބުރުއްވާ ނަމަ އޭގެ މާނައަކީ އެ ހުންނެވި ތަނަކުން ވަޑައިގަންނަވަން ވަރަށް ބޮޑަށް ބޭނުންވެ ވަޑައިގަތުމެވެ.
ޕީޕަލް ނޫހަށް ވިކާޒް ކިޔައިދިން ގޮތުގައި މިފަދަ ސިގްނަލެއް ލިބުމުން ގަނޑުވަރުގެ މުވައްޒަފުން ކަންތައްކުރާ ގޮތުން އެހެން މީހުންނަށް، ކަމެއް ވާކަން ވެސް ނޭނގޭނެ އެވެ.
"އެ މީހުން އެކަންތައްތައް ކުރާނީ ވަރަށް ރީއްޗަށް. ކޮންމެވެސް މީހަކު ގޮސް ރާނީ އަރިހު ކޮންމެވެސް މީހަކު ބައްދަލުކޮށްލަން ބޭނުންފުޅުވޭ ދަންނަވާނެ،" ވިކާޒް ބުންޏެވެ.
ރާނީގެ ޚާއްސަ ގަނޑުވަރު ބަކިންހަމް ޕެލަސްގައި ނަމަ އެކަމަނާއަށް ޚާއްސަ، ފޮރުވިފައިވާ ރަނގަބީލުތަކެއް ހުންނާނެ އެވެ. އެކަމަނާ އެ ރަނގަބީލަށް ފިއްތާލައްވާއިރަށް މުވައްޒަފަކު ގޮސް އެކަމަނާ އެ ވަގުތު އެ ވާހަކަފުޅު ދައްކަވަން ހުރި މީހަކު އެތަނުން ދުރަށް ގެންދާނެ އެވެ.
ބައެއް މީހުން މާގިނައިރު ވާހަކަ ދައްކަން ތިބޭތީ އެކަން ހުއްޓުވަން މިފަދަ އުކުޅުތައް ގެންގުޅުއްވަނީ ހަމައެކަނި ރާނީއެއް ނޫނެވެ. ޝާހީ އާއިލާގެ ވަރަށް ގިނަ ބޭފުޅުން ވެސް މިފަދަ ކަންކަން ކުރައްވަ އެވެ. އެގޮތުން ޕްރިންސް ފިލިޕް އާއްމުކޮށް މީހުންނާ ބައްދަލުކުރައްވަނީ ސަފަކަށް އެތުރިގެން ތިއްބަ އެވެ. އޭރުން އެކަކާ މާގިނައިރު ވާހަކަފުޅު ދައްކަވަން ހުންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ.
ޑަޗަސް އޮފް ކެމްބްރިޖް ކްލަޗް ދަބަހެއް ކުރިމައްޗަށް ވާގޮތަށް އަތްޕުޅުގައި ބާއްވަ އެވެ. ސަލާމް ކުރެއްވުމާއި އެނޫންވެސް ހިތްހަމަނުޖެހޭ މީހުންނާ ބައްދަލުކުރުން ފަދަ ކަންތައްތަކުން ދުރުހެލިވުމަށް މި ދަބަހުގެ ބޭނުން ހިއްޕަވަ އެވެ.
ވިކާޒް ބުނި ގޮތުގައި ޝާހީ ހުރިހާ ބޭފުޅުން ވެސް މީހަކާ ދައްކަވާ ވާހަކައެއް ނިންމަވާލައްވަން ގެންގުޅުއްވާ އަނެއް އުކުޅަކީ ޖޯކެއް ވިދާޅުވުމެވެ.