05 މާޗް 2017 - 06:38

ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ މަންމަ ނުވަތަ ބައްޕަ ގޮތަށް ފިލްމީ މައިދާނުގައި ކުރިޔަށް ދާށެވެ. ސަންޖޭ ދަތުގެ ދޮށީ ދަރިފުޅު ޓްރިޝަލާ ވެސް ފިލްމު ކުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ. ނަމަވެސް ސަންޖޭ ދަތު އެކަމާ ގަބޫލެއް ނޫނެވެ. އޭނާ ބުނީ ފޮރެންސިކް ސައިންސްގެ ރޮނގުން ދަރިފުޅަށް ކިޔަވައިދީ މޮޅު މީހަކަށް ހަދަން ބޭނުންވާ ކަމަށެވެ.
ސަންޖޭ ދަތު، 57، ބުނި ގޮތުގައި އޭނާ ވަނީ ދަރިފުޅުގެ ތައުލީމަށްޓަކައި ވަރަށް ގިނަ ވަގުތާއި ހަކަތަ ހޭދަކޮށްފަ އެވެ. ލިބިފައިވާ ތައުލީމު ބޭކާރު އެއްޗަކަށް ހަދާފައި ދަރިފުޅު ފިލްމު ކުޅެން ފަށަން ސަންޖޭ ދަތު ބޭނުމެއް ނޫނެވެ.
"ރަނގަޅު ކޮލެޖަކަށް ވައްދައިގެން ފޮރެންސިކް ސައިންސްގެ ރޮނގުން ކިޔަވައިދޭން އަހަރެން ވަރަށް މަސައްކަތް ކުރިން. ޓްރިޝަލާ ވަނީ އެ ރޮނގުން ވަރަށް ރަނގަޅު ނަތީޖާއެއް ވެސް ހޯދާފަ. އޭނާ ވަނީ ފޮރެންސިކް ސައިންސްގެ ރޮނގުން ކިޔަވައި އެކަމުގެ ޚާއްސަ މީހަކަށް ވެފައި. އަހަރެން ގަބޫލުކުރަނީ އެއީ ކުރަން ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި،" ސަންޖޭ ދަތު ބުންޏެވެ.
ސަންޖޭ މިހާރު އުޅެނީ ޖަލުން އެނބުރި އައުމަށްފަހު ކުޅޭ ފުރަތަމަ ފިލްމު "ބުމީ"ގެ ޝޫޓިންގައި އިންޑިޔާގެ އާގްރާގަ އެވެ. ފިލްމުގެ ސެޓުގައި ހުރެ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ދަތު ބުނީ ބޮލީވުޑް ބަތަލާއަކަށް ވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ޚާއްސަކޮށް ޓްރިޝަލާއަށް ހިންދީ ބަސް ނޭނގޭތީ ވަކިން އުނދަގޫވާނެ ކަމަށެވެ. އޭނާއަކީ އެމެރިކަން އެކްސެންޓުން ވާހަކަ ދައްކާ މީހަކަށް ވާތީ ރީތިކޮށް ހިންދީ ބަހުން ވާހަކަ ދައްކަން ދަސްކުރަން ވަރަށް އުނދަގޫވާނެ ކަމަށް ސަންޖޭ ދަތު ގަބޫލު ކުރެ އެވެ.
"ބޫމީ" ގައި ވެސް ސަންޖޭ ދަތު ކުޅެނީ ބޮޑުވެފައިވާ އަންހެން ކުއްޖެއްގެ ބައްޕައެއްގެ ރޯލެވެ. އޭނާގެ ދަރިފުޅުގެ ބައި ކުޅެނީ އަދިތީ ރާއޯ ހައިދްރީ އެވެ. އޮމަން ކުމާރު ޑައިރެކްޓްކުރާ މި ފިލްމަކީ ބަދަލުހިފުމުގެ ޑްރާމާ އެކެވެ.
މި ފިލްމުގައި އަދިތީ އަދާކުރާ އޭނާގެ ދަރިފުޅެއްގެ ކެރެކްޓާ އާއި ޓްރިޝަލާއާ އެއްގޮތްތޯ ސުވާލުކުރުމުން ސަންޖޭ ބުނީ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް ޓްރިޝަލާ އުޅެނީ ބަތަލާއަކަށް ވާހިތުން ކަމަށެވެ.