13 ޖޫން 2016 - 13:54

ފިނޭންސް މިނިސްޓްރީގައި މަސައްކަތްކުރާ ވަގުތީ މުވައްޒަފުންނަށް މިދިޔަ ބުރާސްފަތި ދުވަހު ނޯޓިސް ދީފި އެވެ.
ނޯޓިސް ލިބުނު މުވައްޒަފަކު މިއަދު "މިހާރު" އަށް ބުނީ ފިނޭންސްގެ 13 ކޮންޓްރެކްޓް މުވައްޒަފުންނަށް ނޯޓިސް ދިނީ، އެތަނުގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން ކަމަށެވެ. އެގޮތުން އެމީހުން ވަޒީފާ އިން ވަކިވުމަށް ދެ ހަފުތާގެ ނޯޓިސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިއީ ފިނޭންސް މިނިސްޓްރީގެ އޮނިގަނޑަށް މި އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަމުންދާ ބަދަލުތަކުގެ ދަށުން ދިން ނޯޓިސްއެއް ކަމަަށް އެނގިފައި ވަނީ. އެކަމަކު ދާއިމީ މުވައްޒަފުންނަށް އަދި މި ނޯޓިހެއް ނުދޭ،" އޭނާ ބުންޏެވެ.
ފިނޭންސްގައި މަސައްކަތްކުރާ ވަގުތީ މުވައްޒަފުންނާ ދާއިމީ މުވައްޒަފުންނާ ދެމެދު މާ ބޮޑު ތަފާތެއް ނުހުރެ އެވެ. މިނިސްޓްރީގެ އެކި ސެކްޝަންތަކުގައި ވަގުތީ މުވައްޒަފުން މަސައްކަތް ކުރާ އިރު، އެމީހުންނާ އެކު ފިނޭންސުން އޮންނަނީ އެއް އަހަރު ދުވަހުގެ ވަޒީފާގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެކަމަކު ނޯޓިސް ދިން މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ހަމަނުވާ ކަމަށްވެ އެވެ.
ފިނޭންސްގެ ވަގުތީ މުވައްޒަފުންނަށް ނޯޓިސް ދިން އިރު، އެ ތަނުގެ މުވައްޒަފުން ސަރުކާރުގެ އެހެން ބައެއް އިދާރާތަކަށް ބަދަލުކުރުމަށް މިދިޔަ އަހަރު ނިންމުމުން އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ވަނީ ހުއްޓާލައިފަ އެވެ.