އިޒްރޭލުގެ އެންމެ ހަމަލާއަކުން ޣައްޒާއިން 70 އަށްވުރެ ގިނަ މަރު
އިޒްރޭލުގެ އެންމެ ހަމަލާއަކުން ޣައްޒާއިން 70 އަށްވުރެ ގިނަ މަރު

ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 73 މީހަކު ޝަހީދުވެއްޖެ ކަމަށާއި މަރުވެފައިވާ މީހުންގެ ހަށިތައް އިމާރާތްތަކުގެ ދަށުގައި އަދިވެސް އެބަހުރި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޮފީހުން މިއަދު ބުނެފި އެވެ.

ބައިތު ލަހިއާގައި ދިން މި ހަމަލާއަށް ފަހު ވެސް އިޒްރޭލުން ބުނީ މިއީ ހަމާސްގެ "ޓެރަރިސްޓް ޓާގެޓަކަށް" ދިން ހަމަލާއެއް ކަމަށެވެ.

"މިހާތަނަށް ވަނީ 73 މީހެއްގެ ހަށިގަނޑު ފެނިފައި. މީހުން އުޅޭ ސަރަހައްދަކަށް ދިން މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައި ...،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

"ޝަހީދުވި އެތައް ބައެއްގެ ހަށިތައް އަދިވެސް އިމާރާތްތަކުގެ ދަށުގައި އެބަހުރި."

ބައްސާލް ވިދާޅުވީ އިއްޔެ ވަރަށް ލަސްވި ފަހުން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ވަރަށް ބައި ބޯ ހިސާބަކަށް ކަމަށާއި އެހެންވެ ވަރަށް ގިނަ އާއިލާތަކުން މީހުން މަރުވެފައިވާ ކަމަށެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވެސް ވަނީ މި ހަމަލާދިން ކަމަށާއި ޝަހީދުވި މީހުންގެ އަދަދު ކަށަވަރުކޮށްދީފަ އެވެ. އެތަނުން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ ކަމަށެވެ.

ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޝަހީދުވި މީހުންގެ އަދަދާ މެދު ސުވާލު އުފައްދައިފަ އެވެ. އަސްކަރިއްޔާއިން ބުނީ ބޭނުންކުރި ގޮވާތަކެއްޗާއި ހަމަލާގެ އަމާޒު ކަށަވަރުކޮށްފައިވާ މިންވަރަށް ބަލާއިރު ފަލަސްތީނުގެ އިދާރާތަކުން ބުނާ އަދަދާ މެދު ޝައްކު ކަމަށެވެ.

މިއީ ހަމާސްގެ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބުންޏަސް ވަކި މީހަކަށް އަމާޒުކުރި ކަމަކަށް އިޒްރޭލުން ނުބުނެ އެވެ. އަދި މަރުވި މީހުންގެ އަދަދާ މެދު ސުވާލު އުފެއްދިޔަސް ވަކި އަދަދެއް ވެސް ނުބުނެ އެވެ.

ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ބައި ލައްކައާ ގާތްވެފައި ވާއިރު މިދިޔަ ދެ ހަފްތާ ތެރޭ އެކަނި ވެސް 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. -- އޭއެފްޕީ