04 މާޗް 2017 - 15:02

އެންމެ ތިން ދުވަހުގެ ތެރޭގައި އެމްޑީޕީ އަށް 100 މީހުން އިތުރުކޮށްދިނުމަކީ އެއްވެސް ކަމެއް ނޫންކަން ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އޭނާގެ ދާއިރާ އިން ދައްކާލައިފި އެވެ.
މިިދިޔަ ހޯމަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އިސް މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ނަމަވެސް އެމްޑީޕީ އަށް 100 އަށް ވުރެ ގިނަ ފޯމް ފުރިއްޖެނަމަ، އޭނާގެ އެއް އަހަރު ދުވަހުގެ މުސާރަ ހަދިޔާ ކުރައްވާނެ ކަމަށެެވެ.
"ތިން ދުވަހުގެ މަސައްކަތުން އެމްޑީޕީ އަށް 100 ފޯމް ފުރުނަސް މުސާރަ ހަދިޔާ ކުރާނަން. [އެކަން ކުރާކަށް] ލާހިކެއް ނޫން. އެއީ ތަރައްގީ ގެންނަން ސަރުކާރުން މަސައްކަތް ކުރާކަން ރައްޔިތުން ގަބޫލުކުރާތީ،" އެމްޑީޕީ އަށް މަލާމާތް ކުރައްވަމުން އަބްދުއްރަހީމް މަޖިލިހުގައި ވިދާޅުވެފައި ވެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ފޯމުތައް ފުރުމުގައި އިސްކޮށް އުޅުނު މީހަކު މިއަދު ބުނީ، އެ ޕާޓީ އަށް މެމްބަރުން އިތުުރުކުރަން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ދަނޑިވަޅެއްގައި، އަބްދުއްރަހީމް އެހެން ވިދާޅުވުމުން އެކަމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި ފޮނަދޫން އެމްޑީޕީ އަށް 100 އަށް ވުރެ ފޯމު ފުރުމުގެ ބޭނުމަކީ އެ ރަށުގައި އެމްޑީޕީ އަށް ތާއީދުކުރާ މެމްބަރުން އަދި ވެސް ތިބިކަން ހާމަކޮށްދިނުން ކަމަށް އޭނާ ބުންޏެވެ.
ތިިން ދުވަހުގެ ތެރޭގައި އެމްޑީޕީ އަށް ވަނީ 113 ފޯމު ފުރައިފަ އެވެ.
"މުޅި މީޑިއާގެ ކުރިމަތީގައި އަޅުގަނޑުމެން ލަދުގަނުވާލީމަ ބޭނުންވީ، މި ރަށުގައި އަދިވެސް އެމްޑީޕީ އަށް ތާއީދުކުރާ މީހުން ތިބިކަން ދައްކަން. ތިން ދުވަހުގެ ތެރޭގައި، ދުވާލަކު ފަސް ވަރަކަށް ގަޑިއިރު މި ހޭދަކުރީ ފޯމުތައް ފުރުމުގައި،" އެމްޑީޕީގެ ޓީމުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.
އަބްދުއްރަހީމްގެ އެއް އަހަރު ދުވަހުގެ މުސާރަ ހަދިޔާކުރާނެ ކަމަށް ވިދާޅުވިޔަސް އެންމެ ލާރިއެއް ވެސް ބޭނުން ނުވާ ކަމަށް އެމްޑީޕީ އަށް ފޯމު ފުރުމުގައި އުޅުނު ޓީމުގެ މެމްބަރުން ބުންޏެވެ.
އޭނާ ބުނީ އެ ފޯމުތައް ހަވާލުކުރާނީ އެމްޑީޕީން ފޮނަދޫގައި ބާއްވާ ޖަލްސާގައި ކަމަށެވެ.
ތިން ދުވަހުގެ ތެރޭގައި އެމްޑީޕީ އަށް 100 ފޯމު ފުރުމަކީ އުނދަގޫ ކަމެއް ކަން ދޭހަވާ ގޮތަށް އަދި މަލާމާތުގެ ރާގެއްގައި އަބްދުއްރަހީމް މަޖިލިހުގައި ވާހަކަ ދެއްކެވީ، މަޖުބޫރުން ޕީޕީއެމަށް މީހުން ލައްވައި ސޮއިކުރުވާ ކަމަށް ވިދާޅުވެ، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމަށް މެމްބަރުން ވަންނަނީ "ހިތާއި ރޫހުން ޕާޓީއަށް ވަންނަން ބޭނުންވާތީ" އެވެ. އަދި ގައުމުގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮއްޓެއްގެ ތެރޭގައި ޖަލްސާ ބާއްވަނީ އަޅުގަނޑުމެންތޯ، އެމްޑީޕީތޯ؟ ރަނގަޅަށް ވިސްނާވަޑައިގަންނަވާ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، މިއީ ހަގީގަތް،" އަބްދުއްރަހީމް ވިދާޅުވެފައި ވެ އެވެ.
ޕީޕީއެމަށް މީހުން އިތުރުކުރުމަށް މިދިޔަ ފެބްރުއަރީމަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި ހަރަކާތުގައި އެކަނިވެސް 11،000 މީހުން އެ ޕާޓީ އަށް ސޮއިކޮށްފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އިސްވެ، ޕީޕީއެމަށް މެމްބަރުން އިތުރުކުރަން ހިންގި އެ ހަރަކާތުން، މާލެ އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކުން 11،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ޕީޕީއެމްގައި ސައްހަ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 39،000 ތިބިއިރު، އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައި ހުރި ފޯމުތަކާ އެކު ޕާޓީގެ މެމްބަރުންގެ އަދަދު 70،000 އަށް އަރާނެ ކަމަށް ވެސް ޕީޕިއެމުން މިދިޔަ މަހު ބުނެފައި ވެ އެވެ.