19 އޮކްޓޯބަރ 2024 - 12:51

ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ޖަބާލިޔާގެ އުތުރުގައި ދިން ހަމަލާއެއްގައި ރެފިއުޖީ ކޭމްޕަކުން 33 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފި އެވެ.
އޭޖެންސީގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވީ "33 މީހުން މަރުވެ، އަދި އެތައް ބަޔަކު ޒަހަމްވެފައިވާ" ކަމަށެވެ.
އަލް-އަވްދާ ހޮސްޕިޓަލުން އޭއެފްޕީއަށް ބުނި ގޮތުގައި ތަލް އަލް-ޒައަތަރު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 22 މީހުން މަރުވެ، 70 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ރޭގަނޑު ދިން މި ހަމަލާތަކާ ގުޅޭގޮތުން ސުވާލުކުރުމުން އިޒްރޭލު ސިފައިންގެ ތަރުޖަމާނަކު ބުނީ "އެކަން ބަލަމުންދާ" ކަމަށެވެ.
އޮކްޓޯބަރު 6 ގައި، އިޒްރޭލުން ވަނީ ޖަބާލިޔާ ހިމެނޭ ގޮތަށް އުތުރު ޣައްޒާގައި އާ ހަމަލާތަކެއް ފަށައިފަ އެވެ. އިޒްރޭލުން ބުނީ އެއީ އެ ސަރަހައްދުގައި އަލުން ހަމާސްގެ ހަނގުރާމަވެރިން އެއްވަމުންދާތީ ކަމަށެވެ.
އަލުން ފެށި ހަމަލާތަކާ އެކު އެތައް ބަޔަކު މަރުވެފައި ވާއިރު މިއީ ހަމާސް އިން އިޒްރޭލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ދިން ހަމަލާއަށް ފަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް އަހަރެއް ވީއިރު އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދެވެ.
ހުކުރު ދުވަހުގެ ރޭ އދ. ގެ ހިއުމަނިޓޭރިއަން އެފެއާޒް އޭޖެންސީން ވަނީ އުތުރު ޣައްޒާގައި ނުރައްކާތެރި ހާލަތު އިތުރަށް ގޯސްވަމުން ދާތީ އިންޒާރު ދީފަ އެވެ. -- އޭއެފްޕީ