19 އޮކްޓޯބަރ 2024 - 07:53

ގޭގެ ސިޓިން ރޫމްގެ އެތެރޭ ބިތުގެ އެއްބައި ހާއްސަކޮށްފައި ހުރީ އެކި މުބާރާތްތަކުން ހޯދާފައި ހުރި ތަށިތައް އެތުރުމަށެވެ. އުމުރުން 19 އަހަރުގެ މުހައްމަދު ޔަޝްމު އަހުމަދުގެ ޓޮރޮފީ ހަރު އެ ފުރުނީ އެވެ. އެ ހަރުގައި ދެން އިތުރު ޖާގައެއް ނެތެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރާއްޖޭގެ ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި އެންމެ އުއްމީދީ ކުޅުންތެރިޔާގެ ކެޓަގަރީން ތިންވަނަ ހޯދި ތައްޓާ އެކު އަނެއްކާ ވެސް ގެއަށް އެ ވެއްދީ އިތުރު ތަށިތަކެކެވެ.

ރާއްޖޭގެ އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ޔަޝްމު ހޯދުމުން އޭނާގެ އިންޓަވިއު ނަގަން އަހަރެމްން އެ ގެ އަށް ދިޔަ އިރު ގޭގައި އޮތީ އުފާފާޅުކުރުމުގެ ހަފުލާ އެކެވެ. އެއީ މިދިޔަ ހަތް އަހަރު ޔަޝްމު ކުރި މަސައްކަތުގެ އެންމެ ފޮނި ކާމިޔާބެވެ.

އެކަމަކު އެ ކާމިޔާބާ ހަމައަށް ދާން އޭނާ ކުރި މަސައްކަތުގައި މާލާމާތުގެ ބަސްތައް އަމާޒުވި އެވެ.

ހޭންޑްބޯޅަ އަށް ވުރެ ކުރިން ޔަޝްމުގެ ހިތާއި ލޯބި ބަންޑުންވީ ފުޓްބޯޅަ އަށެވެ. އެކަޑެމީތަކުގެ ތަމްރީނުތަކަށް އޭނާ ދިޔަ އެވެ. މެލޭޝިއާގައި ބޭއްވި ފުޓްބޯޅައިގެ އެކަޑެމީ މުބާރާތެއްގައި ވާދަކުރަން ވެސް ދިޔަ އެވެ.

އުމުރުން 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން އޭނާ އަށް ދެ ފަހަރު ޖާގަ ލިބުނެވެ. އެކަމަކު ފައިނަލް ސްކޮޑަށް އަރާ ގޮތެއް ނުވި އެވެ.

އުމުރުން ހަގު އިރު ވެސް ޔަޝްމުގެ އޮތީ ގައުމީ ޖާޒީ ލައިގެން ގައުމު ތަމްސީލު ކުރުމުގެ އުއްމީދެވެ. އުމުރުން 12 އަހަރުގައި ހޭންޑްބޯޅައިގެ ތަމްރީނުތަކަށް ޔަޝްމު ގެންދަން އޭނާގެ އާއިލާ އިން ނިންމީ އޭނާ އެގޮތަށް ބޭނުންވުމުންނެވެ. ސްކޫލް މުބާރާތްތަކުގައި ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅަ އާއި ބާސްކެޓްބޯޅަ ވެސް ކުޅުނެވެ.
"ފުޓްބޯޅަ އަށް ވުރެ މާ ރަނގަޅަށް ހޭންޑްބޯޅަ ކުޅެވޭހެން ހީވެއްޖެ. އެ ހިސާބުން ވަރަށް ބޮޑަށް އިންޓަރެސްޓެއް އުފެދިއްޖެ، މޮޅަށް ކުޅެވެން ފެށީ އެ ހިސާބުން،" ޔަޝްމު ބުންޏެވެ.
އެކަމަކު އެ ޝައުގުގައި ކުރިއަށް ދާން ދުއްވައިގަތުމުން އޭނާ އަށް ކުރިމަތިވީ މަލާމާތެވެ. ރާއްޖޭގައި މިހާރު އެންމެ މަގުބޫލުވަމުން އަންނަ ހޭންޑްބޯޅަ އަކީ އަންހެނުންގެ ކުޅިވަރެއް ކަމަށް ސިފަކޮށް، ޔަޝްމު އަށް މަލާމާތުގެ ބަސްތައް އަމާޒުވި އެވެ. އެކަމަކު މަލާމާތާއި ފުރައްސާރަ އިން ސިހޭ ވަރަށް ވުރެ ޔަޝްމުގެ އޮތީ މާ ވަރުގަދަ އަޒުމެކެވެ.
"އެއްވެސް ސްޕޯޓްސްއެއް ނޯންނާނެ ހަމައެކަނި އަންހެން ކުދިން ނޫނީ ބޯއީސް ކުޅޭ ކުޅިވަރެއްގެ ގޮތުގައެއް. އެންޑް އައި ބިލީވްޑް ދެޓް. އެގޮތަށް އެއްޗެހި ބުނަން ފެށީމާ އެންމެ ފުރަތަމަ ވެސް އެހެން [އެއީ ހަމަ ފިރިހެން އަދި އަންހެން ކުދިންންގެ ވެސް ކުޅިވަރެކޭ] ވިސްނަން ފެށީ،" ކުޅިވަރުގެ ދެ ހިދުމަތްތެރިން ކަމަށްވާ އަހުމަދު ހުސައިން (ދޮނާ) އާއި މުއުމިނާ އާދަމްގެ (މޫންޓީ) ގެ ދަރިފުޅު ޔަޝްމު ބުންޏެވެ.
އޭނާއާ ދިމާލަށް އެހެން ބުނަމުން ދިޔައީ ވެސް އޭރު ކުޅިވަރުގައި އުޅުނު ރައްޓެހިންނެވެ. އެކަމަކު އެ މަލާމާތުގެ ބަސްތައް ޔަޝްމު އަށް ރައްދު ކުރި އެ ރައްޓެހިންނަށް ކުޅިވަރުގައި ހިފަހައްޓައެއް ނުލެވުނެވެ.
"މިހާރު ވެސް ދަންނަ ކުދިން އެއީ، ފްރެންޑް ސާކަލްގައި ތިބޭނެ،" އޭނާ ބުންޏެވެ.
ކުޅިވަރުގެ ދަނޑުންނާއި ކޯޓުން "އެ ރައްޓެހިން" ގެއްލިއްޖެ އެވެ. ހިފަހައްޓާލެވުނީ ޔަޝްމު އަށެވެ. ހިފަހައްޓާލެވުން އެކަންޏެއް ވެސް ނޫނެވެ. އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އޭނާ ގޮސް އެ އެރީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ޝަރަފުވެރި ސްޓޭޖަށެވެ. ކުރިން ފާޑުކީ ރައްޓެހިން ވެސް އޭނާގެ މި އެވޯޑަށް މަރުހަބާ ކިޔެވެ.
ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ދެ ފަހަރު ވެސް ޔަޝްމު އަށް ޖާގަ ނުލިބުމުން ގޭމް ބަދަލުކޮށްލަން ނިންމީ، އޭނާގެ ބައްޕަ ދޮނާ ބުނި ގޮތުގައި ގައުމީ ޓީމު ތަމްސީލު ކުރަން ބޭނުންވުމުންނެވެ.
ޔަޝްމު ބުނިގޮތުގައި ކްލަބާއި ގައުމީ ޓީމު މެޗުތަކާ ބޮޑު ތަފާތެއް އެބަހުއްޓެވެ.
"ގައުމީ ޖާޒީ ލީމާ އެ އަންނަ އިމޯޝަން ވެސް އެއީ ވަރަށް ތަފާތު އިހުސާސެއް. ގައުމީ ޖާޒީގެ މޭ މަތީގައި ގައުމީ ދިދަ ޖަހައިގެން އެ ކުޅޭ އިހުސާސް ކިތަންމެ ވަރަކަށް ކްލަބް މުބާރާތުގައި ކުޅުނަސް ނާންނާނެ،" މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމަށް ކުޅުނު ޔަޝްމު ބުންޏެވެ.
އެއީ އޭނާ އަށް މިހާތަނަށް އެންމެ މޮޅަށް ކުޅެވުނު މުބާރާތެވެ.
"އެއީ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތަކީ ވެސް،" ޔަޝްމު ބުންޏެވެ.
އެ މުބާރާތުގެ މެޗުތަކުގައި އޭނާ އަށް ފުރުސަތު ލިބުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުގެ ޓެމްޕޯ ދަށްވާ ފަހުން ލިބޭ ފުރުސަތަށް ކެތްތެރި ކަމާ އެކު އޭނާ އިންތިޒާރު ކުރި އެވެ.
"އިރާދަކުރެއްވިއްޔާ ދެން އަންނަ މުބާރާތެއްގައި ފުލުކޮށް ކުޅޭނަން. މިހާރު ވަރަށް ކޮންފިޑެންސް ވެސް ބިލްޑް ވެއްޖެ،" އެންމެ ފަހުން ބޭއްވި އިންޓަ އޮފީސް އަދި ކުންފުނި މުބާރާތުގައި އެޗްޑީސީގެ ޓީމަށް ކުޅުނު ޔަޝްމު ބުންޏެވެ.
ވިލާ ކޮލެޖުން ބިޒްނަސް މެނޭޖްމެންޓް ދާއިރާ އިން މި މަހު ކިޔަވަން ފެށި ޔަޝްމު ބުނީ އެހެން ވަޒީފާއަކަށް ދިޔަސް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށެވެ.
އޭނާގެ ކުޅިވަރުގެ އައިޑޮލްއަކީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
"ހަތް ނަންބަރަށް ވެސް ކުޅެނީ އެހެންވެ،" ޔަޝްމު ބުނެލި އެވެ.
"އުމުރުން 38 ގައި ވެސް ރޮނާލްޑޯ އަދިވެސް އެ ޓޮޕް ލެވަލްގައި އެ ހިފަހައްޓަނީ. ވަރަށް އިންސްޕަޔާ ވޭ ރޮނާލްޑޯގެ ކެރިއާ އިން. އަސްލު މަސައްކަތް ކޮށްފިއްޔާ ކޮންމެ ކުޅިވަރެއްގައި ވެސް ހަމަ އެ ލެވަލަށް ހިފަހައްޓާލެވޭނެ."
އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑާ އެކު ޔަޝްމު ވަރުގަދަ އެހެން އަޒުމެއް ވެސް އެރޭ އޭނާ ކަނޑައެޅި އެވެ.
"އެރޭ ވެސް ހިތަށް އެރި ދެން އިރާދަކުރެއްވިއްޔާ މި އެވޯޑް ޔަޝްމު އަތުން ގެއްލިޔަކަ ނުދޭނަމޭ. އެ ވަރަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެސް މި އެވޯޑް ހޯދަން،" ޔަޝްމު ބުންޏެވެ.
އުމުރުން 19 އަހަރުގައި އެ ވަރުގެ ގަދަ ހިތްވަރެއް ކުރަން ޔަޝްމު ދަސްކުރީ ކިހިނެއް ހެއްޔެވެ؟
"އެއީ ހަމަ މަންމަ އަދި ބައްޕަގެ ކޮންފިޑެންސް،" އޭނާ ބުންޏެވެ.
މެޗަކުން ބަލިވުމުން ދެ އެ ކުރިމަތިވާ ޕްރެޝަރާއި ހާސްކަން ކޮންޓްރޯލް ކުރާނެ ގޮތް އޭނާ އަށް ދަސްކޮށް ދިނީ ކުޅިވަރުގެ އެ ކުޑަކުޑަ އާއިލާގެ ތެރެއިންނެވެ.
"މަންމަ ވެސް ބައްޕަ ވެސް އެ މޯރަލް ސަޕޯޓް އަބަދުވެސް ދޭނެ. އޭރު ކޮއްކޮ [ޔާފާ] ކުޅެން ފެށީމަ ވެސް ބުނާނެ. ކޮންމެ ވެސް އެއް ކުޅިވަރަކަށް ފޯކަސް ކުރައްޗޭ، އޭރުން ކުރިއަށްދާން ފަސޭހަ ވާނޭ،"
ސްޕޯޓްސް ކައުންސިލްގެ ޗެއާޕާސަން މަގާމު ވެސް ކުރިން އަދާކުރި މޫންޓީ ބުނި ގޮތުގައި ނާކާމިޔާބަކީ އިސްޖަހާލަން ޖެހޭ ސަބަބެއް ނޫނެވެ. މީހުން ކިޔާ އެއްޗިއްސަށް ވުރެ އަޒުމު ވަރުގަދަ ވާން ޖެހޭނެ ކަން ވެސް އޭނާ ބުންޏެވެ. އޭނާގެ ދެ ދަރިންނަށް ވެސް އެ ފިލާވަޅު ބުނެދީ ހިތުގައި ބިންވަޅު ނަގައި ދިނެވެ. އޭގެ ހެއްކަކީ ފަހަތަށް ނުބަލައި ކުރިއަރައިގެން ގޮސް ޔަޝްމު ހޯދި ކާމިޔާބީ އެވެ.