18 އޮކްޓޯބަރ 2024 - 05:53

ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ ކުޅަދާނަ ދެ އަންހެން ލަވަކިޔުންތެރިން ކަމަށްވާ ޝްރެޔާ ގޯޝަލް އާއި ސުނީދީ ޗޯހާން އެކުގައި ހުށަހަޅާދިން ލަވައަށް ގިނަ ބައެއްގެ ލޯބި ލިބިއްޖެ އެވެ.
"ޗޭލާ" ކިޔާ މި ލަވައަކީ މަޝްހޫރު ދެ މިއުޒިޝަނުން އަދި ދެބެއިން ކަމަށްވާ ސާލިމާއި ސުލެއިމާން މާޗެންޓް ޕްރޮޑިއުސްކޮށް ގެނެސްދިން ލަވައެކެވެ.
ގާތްގަނޑަކަށް ހަތަރު މިނެޓުގެ އެ ލަވައިގެ ވީޑިއޯގައި ފެންނަނީ ޝްރެޔާ އާއި ސުނީދީ ސްޓޭޖެއްގައި ޕާފޯމްކުރާ ތަނެވެ. އަދި އެ ދެ ފަންނާނުންގެ ފަހަތުގައި ސާލިމާއި ސުލެއިމާން ވެސް މިއުޒިކް ކުޅެން ތިބެ އެވެ.
މި ލަވަ ވަނީ އިންޓަނެޓުގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޝްރެޔާ އާއި ސުނީދީ އަކީ މި ވަގުތު އިންޑިއާގައި ތިބި ޒުވާން އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ކުޅަދާނަ ދެ ފަންނާނުންނަށް ވުމުގެ އިތުރުން އެންމެ ބޮޑު ފޭން ބޭސްއެއް ވެސް އޮތް ދެ ފަންނާނުންނަށް ވުމެވެ.
ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ މި ލަވައިގައި ޝްރެޔާ އާއި ސުނީދީ ކިޔާފައިވާ ރެޕް ކަޑިތަކަށެވެ.
މީގެ ފަސް އަހަރު ކުރިން ވެސް ޝްރެޔާ އާއި ސުނީދީ ވަނީ ސާލިމާއި ސުލެއިމާންއާ އެކު ލަވައެއް ހުށަހަޅައިފަ އެވެ. އެކަމަކު، އެއީ 2006 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ ފިލްމު "ޑޯރް" އަށް އެ ދެ ފަންނާނުން ކުރިން ކިޔާފައިވާ ލަވައެއް ކަމަށްވާ "އިމާން ކާ އަސަރު"ގެ ލައިވް ޕާފޯމަންސެކެވެ.
އެ ދެ ފަންނާނުން އެކުގައި ސާލިމް ސުލެއިމާންގެ އޮރިޖިނަލް ލަވައެއް ހުށަހަޅައިދިން މިއީ އަދި ފުރަތަމަ ފަހަރެވެ.
ޝްރެޔާ އާއި ސުނީދީ ވަނީ 2007 ވަނަ އަހަރު ގެނެސްދިން ފިލްމު "ލާގާ ޗުނާރީ މޭން ދާގް" އަށް "ހަމް ތޯ އައިސޭ ހައިން ބައިއްޔާ" ކިޔާ ލަވައެއް ވެސް ކިޔައިދީފަ އެވެ.