17 އޮކްޓޯބަރ 2024 - 21:17

މާލޭގެ މާވެޔޮ މަގުގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ ރޭ ފަތިހު ވައްކަންކުރި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މާވެޔޮ މަގުގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކު ވައްކަން ކޮށްފައިވާކަން ރޭ ފަތިހު 4:20 ހާއިރު ފުލުހުން މާލެތެެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ފާހަގަކުރެވުނު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހޯދައި އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ފިހާރައިން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓް ކާޓޫނުތަކެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ރ. އިނގުރައިދޫ ދަނބުރުއްދޮށުގޭ އިބްރާހިމް މުހައްމަދު ރަޝީދު، 34 އާއި ގދ. ވާދޫ ލިލީގޭ މުހައްމަދު ސަބާހު، 46 އަދި ގދ. ވާދޫ އަތަމާގޭ އިހުސާން އިބްރާހިމް، 26 އެވެ.
އެ މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އިހުސާންގެ ބަންދަށް 30 ދުވަސް އަދި އިބްރާހިމް މުހައްމަދު ރަޝީދާއި ސޮބާހުގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.