17 އޮކްޓޯބަރ 2024 - 10:21

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ގާނޫނީ ލަފާދޭނެ މީހަކާއި، ފައިނޭންޝިއަލް ކޮންޓްރޯލަރެއް ހޯދަން އިއުލާނުކޮށްފި އެވެ.
މިއީ އެފްއޭއެމް އަށް ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) އިން އެ އެސޯސިއޭޝަން އަލުން ހަމަޔަކަށް އެޅުވުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހޯދާ ދެ މަގާމެވެ.
ފުލް ޓައިމްކޮށް މަސައްކަތްކުރަން ހޯދަން އިއުލާނުކޮށްފައިވާ ލީގަލް ކައުންސެލްގެ މަސްއޫލިއްޔަތަކީ ގާނޫނީ ލަފާ ދިނުމާއި، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގަވާއިދުތަކާއި އެއްގޮތަށް އެސޯސިއޭޝަން ހިނގާތޯ ކަށަވަރުކުރުމެވެ.
ފައިނޭންޝިއަލް ކޮންޓްރޯލުގެ މަސްއޫލިއްޔަތުތަކަކީ އެފްއޭއެމްގެ މާލީ ހުރިހާ މުއާމަލާތްތައް ބެލެހެއްޓުމާއި، ހިންގުމާއި، ލަފާ ދިނުމުގެ އިތުރުން ދައްކަން ޖެހޭ ފައިސާ އާއި ލިބެން ޖެހޭ ފައިސާގެ މުއާމަލާތްތަކާއި، އެސެޓް މެނޭޖްކުރުމެވެ.
މި ދެ މަގާމުގެ ވެސް މުސާރައެއް ކަނޑައަޅަން ހަމަޖައްސާފައިވަނީ ދެ ފަރާތް މަޝްވަރާކޮށްގެންނެވެ. މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ހުށަހަޅަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންނެވެ.
އެފްއޭއެމުން ދާދި ފަހުން ވަނީ ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއަކު ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި މުޅި އެ އެސޯސިއޭޝަނުގެ ހިންގުން ބޮއްސުންލައި، ފުޓްބޯޅައިގެ މައިގަނޑު ހަރަކާތްތައް ވަނީ ހުއްޓިފަ އެވެ. ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ ދައުވާ މިހާރު އުފުލާފައިވާ ބައްސާމް ވަނީ ފީފާ އިން ސަސްޕެންޑްކޮށްފަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާއަކީ ގެއްލިފައިވާ ފައިސާ ހޯދުމާއި، އިދާރީ ގޮތުން ހަމަޔަކަށް އެޅުވުމާއި، އިންތިހާބަކާ ހަމަޔަށް ގެންދިއުމެވެ.