04 މާޗް 2017 - 09:15

މީގެ ނުވަ އަހަރު ކުރިން ރާއްޖެ އަށް ބައިނަލްއަގްވާމީ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިދިން ކެޕްޓަން އައްސަދު އަބްދުލްގަނީގެ ދަރިފުޅު އަރާޝް އައްސަދު ރޭ ވައްދާލި ޕެނަލްޓީއާ އެކު ދެކުނު ކޮރެއާގެ ޕޮޗޮއެން ސިޓިޒެންގެ މައްޗަށް ކުރި ހޯދައި ބަންގްލަދޭޝްގެ ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ދިވެހި ފުޓްބޯޅައަށް ދިރުމެއް ގެނެސްދީފަ އެވެ. މީގެ 13 އަހަރު ކުރިން އުފެދި އަދި ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީގެ ކާމިޔާބީން އުއްމީދީ އެތަކެއް ކަމެއް ފެނިގެން ގޮސްފި އެވެ.

ނޭޕާލާއި ބަންގްލަދޭޝާއި ކިރްގިސްތާން އަދި އަފްގާނިސްތާނުގެ ޗެމްޕިއަން ޓީމުތައް ވާދަކުރުމުން މި މުބާރާތް ސިފަކުރެވެނީ ދެކުނު އޭޝިއާގެ މިނީ މުބާރާތެއްގެ ގޮތުގަ އެވެ. އެހެންކަމުން ޓީސީ ފަދަ ޒުވާން ކުޅުންތެރިން ގިނަ ޓީމެއް މިފަދަ މުބާރާތެއް ކާމިޔާބުކުރުމަކީ ދިވެހި ފުޓްބޯޅައަށް ބޮޑު ކާމިޔާބެކެވެ. މިދިޔަ ދެ އަހަރު ތެރޭ ގައުމީ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ގޭމްސް އަދި ބަންގުބަންދު ގޯލްޑް ކަޕުގެ ސެމީ ފައިނަލުން ކަޓައިޓަ އެވެ. އެހެންކަމުން ރާއްޖޭގެ ޓީމެއް ސަރަހައްދީ މުބާރާތެއްގެ ސެމީ ފައިނަލަކުން އަރައިގަނެ އަދި ތަށީގައި އަތްލުމަކީ ފުޓްބޯޅައަށް ހެޔޮފާލެކެވެ.

ޓީސީގައި ޒުވާން ކުޅުންތެރިން ވަރަށް ގިނަ އެވެ. ހާއްސަކޮށް ކުރިމަގުގައި ގައުމީ ޓީމު ތަމްސީލްކުރާނެ ކަމަށް ބެލެވޭ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގެ ފުރަތަމަ އެގާރައިގައި އަދި ބެންޗުގައި ވެސް އެބަތިއްބެވެ. އެ ކުޅުންތެރިން ޒުވާން އުމުރުގައި މިފަދަ ކާމިޔާބެއް ލިބުމަކީ އެ ކުޅުންތެރިންނަށް އިތުބާރު ލިބި އަދި މޮޅުވުމުގެ ރޫހު ވަރަށް ބޮޑަށް އަށަގަންނާނެ ކަމެކެވެ. އެ ކުޅުންތެރިންނަށް ލިބުނު ބައިނަލްއަގްވާމީ ތަޖުރިބާއިން ގައުމީ ޓީމަށް ނުހަނު ފައިދާކުރާނެ އެވެ. ހާއްސަކޮށް ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅޭ އިބްރާހިމް މަހުދީ (ކުދު އިއްބެ) އާއި އިބްރާހިމް ވަހީދު ފަދަ ކުޅުންތެރިންނަށް މިއީ ލިބުނު ރަނުގެ ފުރުސަތެކެވެ. އަދި ކެޕްޓަން އަލީ ނާފިއު (ކަޅޭ) ފަދަ ކުޅުންތެރިންނަށް ލީޑާޝިޕް ނަގަން ލިބުނު ދަނޑިވަޅުގައި ދެއްކި ނަމޫނާއަކީ ޒުވާން އެހެން ކުޅުންތެރިންނަށް މިސާލެކެވެ.

"ރާއްޖޭގައި (ޒުވާން ކުޅުންތެރިންނަށް) ވަރަށް ނުލިބޭނެ ފުރުސަތެއް މިއީ. ނެޝަނަލް ޓީމުގެ ޖާޒީ ލާން ޖެހެނީ ހަމަ ރޮލާ. އެހެން ބަލާއިރު މިއީ ޒުވާން ކުޅުންތެރިންނަށް ފުދޭވަރަކަށް ރަނގަޅު ފުރުސަތެއް (ގައުމީ ޓީމުގެ ކުރިން އިންޓަނޭޝަނަލް ތަޖުރިބާ ލިބުމަކީ،) މުބާރާތަށް ފުރުމުގެ ކުރިން ޓީސީގެ ކޯޗު ނިޒާމް (ނިޒާމްބެ) ބުނެފައިވެ އެވެ.

ހަމައެއާ އެކު ދިވެހި ކޯޗެއް މުގުލުގައި ހުރެ ޓީސީން މި ކާމިޔާބު ހޯދުމަކީ ވެސް ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭ ކަމެކެވެ. ދިވެހި ކޯޗުންނާ އެކު ރާއްޖޭގެ ކްލަބްތަކުން އޭޝިއާގެ މުބާރާތްތަކުގެ ރަނގަޅު ހިސާބަކަށް ގޮސް އަދި ޕޮމިސް ކަޕް ފަދަ މުބާރާތްތައް ކާމިޔާބުކޮށްފައިވީ ނަމަވެސް ރާއްޖޭން ބޭރުގައި ބިދޭސީ ހަތް ޓީމާ ވާދަކޮށް މުބާރާތެއްގެ ޗެމްޕިއަންކަން ދިވެހި ކޯޗަކު ހޯދައިދިނުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. ކުރިއެރުމެކެވެ. ނިޒާމްބެގެ މި ކާމިޔާބީއަކީ ދިވެހި ކޯޗުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ދިވެހި ކޯޗުންނަށް ކްލަބްތަކުގެ ވެރިން ކުރާ އިތުބާރު ވެސް އިތުރަށް ބޮޑުވެގެންދާނެ އެވެ.
"ދިވެހި ކޯޗެއް އިންޓަނޭޝަނަލް ކްލަބް ލެވެލްގައި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުމަކީ ދިވެހި ކޯޗުންގެ ފެންވަރު ހުރިކަން ސާބިތުވި ކަމެއް. އަދި މިއީ އަރަމުން އަންނަ ކޯޗުންނަށް ހިތްވަރެއް،" އުއްމީދީ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު ރޭ ރާއްޖެޓީވީގައި ވާހަކަދައްކަމުން ބުންޏެވެ.
ސޮބާ ބުނީ ނިޒާމްބެ ހޯދި ކާމިޔާބީއާ އެކު މެނޭޖްމަންޓުންތަކުން، ދިވެހި ކޯޗުން ޓީމުތަކުގައި ހަރުލައްވަން މަސައްކަތްކުރާނެ ކަމަށެވެ. އަދި މީގެ ސަބަބުން ގައުމީ ޓީމަށް ވެސް ފައިދާކުރާނެ ކަމަށާއި އެގޮތުން އެ ފެންވަރުގެ ކޯޗެއް ތަމްރީންކުރާ ކުޅުންތެރިން ހިމަނައިގެން ގައުމީ ޓީމު އެކުވާލުމަކީ ގައުމީ ޓީމަށް ވެސް ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑު ވަރަށް އުފާވޭ މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ނިޒާމްބެ ހޯދުމަށް ފަހު މި އަހަރު އިންޓަނޭޝަނަލް މުބާރާތެއް ކާމިޔާބުކޮށް އެކަން ސާބިތުކޮށްދިނުމުން. އަޅުގަނޑު ވަރަށް ފަހުރުވެރިވޭ،" ސޮބާ ބުންޏެވެ.
ޓީސީ މި ކާމިޔާބީ ހޯދީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެފްއޭއެމުން މުހިއްމު މަސައްކަތްތަކެއް ފެށި އަހަރެއްގަ އެވެ. އަދި ގިނަ ކްލަބްތަކެއް ވަރުގަދަވެ ފުޓްބޯޅައިގެ ފޯރި ގަދަވެފައިވަނިކޮށެވެ. މާލޭ ލީގުގައި ރޭ ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅުނު މެޗު ބަލަން ގިނަ އެކަށީގެންވާ އަދަދަކަށް މީހުން ވަނެވެ. ފުޓްބޯޅަ މާކެޓްކުރުމަށް އެފްއޭއެމުން ބޮޑު ޕްރޮޖެކްޓެއް ފެށުމުގެ ތައްޔާރީތައް ވަމުން އަންނައިރު ކްލަބްތަކުގެ ސަޕޯޓަރުން ވެސް ބުރަ މަސައްކަތެއް އަންނަނީ ކުރަމުންނެވެ. ޓީސީގެ ކާމިޔާބީއާ އެކު ދިވެހި ފުޓްބޯޅައިގެ ވާހަކަ އިތުރަށް ދެކެވި ޝައުގުވެރިކަން ޔަގީނުން ވެސް ބޮޑުވާނެ އެވެ. މާޔޫސްވެފައި ތިބި ސަޕޯޓަރުންނަށް އާރޯކަން ގެންނަން ރޭގެ ކާމިޔާބީ މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ.
އެފްއޭއެމުން އަލަށް ތައާރަފްކުރި މިނިވަން ޗެމްޕިއަންޝިޕުގައި ސ. ފޭދޫ ޓީމުން ވިދާލި އިއްބެ، ޓީސީގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރުމަކީ އެ މުބާރާތުން ވެސް މޭވާތަކެއް އަޅައިފި ކަމުގެ ހެއްކެކެވެ. މިނިވަން ޗެމްޕިއަންޝިޕާއި ދިވެހި ޕްރިމިއާ ލީގު ގުޅުވާލައި އެ މުބާރާތުގެ ގަދަ ހަތަރު ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ދޭން ނިންމާފައިވާއިރު އިއްބެ ފަދަ ކުޅުންތެރިން މަތީ ފަޑީގައި ވިދާލުމަކީ ވެސް ފުޓްބޯޅައަށް ރަނގަޅު ފާލެކެވެ.
މިދިޔަ ސީޒަނުގައި ޓީސީން ފެނުނު މުހިއްމު ތަރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) ފަދަ ކުޅުންތެރިން ދިއުމުން ބަދަލުގައި ޓީސީން ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ގެނެސް ބިދޭސީ ކުޅުންތެރިންނާ އެކު ރަނގަޅު ޓީމެއް މިވަނީ ބިނާކޮށްފަ އެވެ. އެ ޓީމުގެ ޓްރާންސްފާތައް ކާމިޔާބުކަމުގެ ހެކި މިހާރު ވެސް މިވަނީ ފެނިފަ އެވެ. އަބްދުﷲ ހަނީފް (ބެންޖޯ) ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ މުހިއްމުކަން ވެސް ޓީސީގެ ކާމިޔާބީން ފާހަގަކުރެވުނެވެ. އޭނާގެ ބައިނަލްއަގްވާމީ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފި އެވެ.
ޓީސީގެ މި ކާމިޔާބަށް ފަހު ދިވެހި ފުޓްބޯޅައިގެ ކުރިމަތީގައި މިއޮތީ މާލޭ ލީގެވެ. ބޮޑު ބަޖެޓަކުން ސީޒަނާ ކުރިމަތިލި ނިއު އާއި މާޒިޔާ އާއި ވިކްޓަރީ އަދި ޒުވާން ކުޅުންތެރިންނާ އެކު ފައްކާކޮށްފައިވާ ކްލަބް އީގަލްސް އަދި މުޅިން އަލަށް ވާދަކުރާ އެކަމަކު އުއްމީދީ ކުޅުމެއް ދައްކާފައިވާ ގްރީންސްޓްރީޓްސްއާ އަދި ކްލަބް ވެލެންސިއާގެ ވާދަވެރިކަމުގެ ތެރެއަށް ޓީސީ ވަދެ، ފޯރިގަދަ ކުރިމަތިލުންތަކެއް ފެންނާނެ ކަމަށް އުއްމީދުކުރެވެ އެވެ.
ލީގުން ހޮވޭ ގަދަ ހަތަރު ޓީމާއި އަތޮޅުތަކުން އަންނަ ހަތަރު ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގަކީ ފުޓްބޯޅައިގެ އީދަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެ ދެ މެދުން އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅޭ މެޗުތައް ވެސް އަންނާނެ އެވެ. ގައުމީ ޓީމު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިވުމަށް މިއަށް ވުރެ ރަނުގެ ފުރުސަތެއް ނުލިބޭނެ އެވެ. އެއަށް ފަހު އަހަރު ނިމިގެންދާނީ އަހަރެމެން އެންމެންގެ އުއްމީދާ ގުޅިފައިވާ ސާފް ޗެމްޕިއަންޝިޕުންނެވެ. ބައިނަލްއަގްވާމީ ކާމިޔާބީއަކާ އެކު ޓީސީން އަހަރު ފަށައިދިން ގޮތަށް، ގައުމީ ޓީމުން އެފަދަ ކާމިޔާބީއަކާ އެކު ފޯރިގަދަ އަހަރެއް ނިންމާލަދިނުމަކީ ދިވެހި ފުޓްބޯޅަ އާއިލާގެ އުއްމީދެވެ.