އެމްބާޕޭ އަށް ކުރަނީ ދޮގު ތުހުމަތެއް، އޭނާ ހުރީ ހަމަޖެހިލައިގެން: ވަކީލު
އެމްބާޕޭ އަށް ކުރަނީ ދޮގު ތުހުމަތެއް، އޭނާ ހުރީ ހަމަޖެހިލައިގެން: ވަކީލު

މެޑްރިޑް (އޮކްޓޫބަރު 17) - ފްރާންސްގެ ފުޓްބޯޅަ ތަރި ކީލިއަން އެމްބާޕޭ އަށް ސްވިޑެންގެ މީޑިއާ އިން ރޭޕުގެ ތުހުމަތުކޮށް، ކަމާބެހޭ ފަރާތްތަކުން އެފަދަ މައްސަލަ ތަހުގީގުކުރަން ފަށާފައިވީ ނަމަވެސް، އެކަމުގައި ހަގީގަތެއް ނެތް ކަމަށާއި އޭނާ ހުރީ ހަމަޖެހިލައިގެން ކަމަށް އެމްބާޕޭ ވަކީލު މަރީ-އަލިކްސް ކަނޫ-ބާނާޑް ބުނެފި އެވެ.

ފްރާންސްގެ އޭއެފްޕީ އަށް މައުލޫމާތު ދެމުން އޭނާ ބުނީ، އެމްބާޕޭ ގޯސްކަމެއް ނުކުރާ ކަމަށާއި، މިއީ އެމްބާޕޭގެ އަގުވެއްޓޭ ފަދަ ދޮގު ތުހުމަތުތަކަކަށް ވާތީ ސްވިޑެންގެ މީޑީއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ސްވިޑެންގެ ސްޓޮކްހޯމްގައި ހިނގި ރޭޕުގެ އެ މައްސަލައިގައި ޕްރޮސެކިއުޓަރުން އެމްބާޕޭގެ ނަމެއް ނުނެގެ އެެ. ނަމަވެސް އެކަން ހިގި މުއްދަތުގައި އެމްބާޕޭ ސްޓޮކްހޯމް އަށް ގޮސްފައިވާތީ، އެގައުމުގެ މީޑިއާތަކުން ވަނީ އޭނާ އަށް މި މައްސަލައިގައި ތުހުމަތުވާކަމަށް ބުނެ ރިޕޯޓް ކޮށްފަ އެވެ.

މި ތުހުމަތުތައް އެމްބާޕޭ ދޮގުކުރެ އެވެ. އަދި މި މައްސަލައިގައި ރެއާލް މެޑްރިޑުން ވެސް ވަނީ އެމްބާޕޭ ދިފާއު ކޮށްފަ އެވެ. ރެއާލުން ބުނީ މިއީ ކުޅިވަރުގެ ތާރީހުގައި ވެސް އެންމެ "ފޭކް" ތުހުމަތު ކަމަށެވެ.

ދާދި ފަހުން ކުރިމަތިވި އަނިޔާއަކުން ރަނގަޅުވަމުން އަންނާތީ ރިކަވަރީއަށް ފުރުސަތުދޭން، މިނިމުނު އިންޓަނޭޝަނަލް ބްރޭކުގައި ފްރާންސް ސްކޮޑުގައި އޭނާ ނުހިމަނަ އެވެ. ނަމަވެސް އޭނާ އަންނަނީ ރެއާލްގެ ސްކޮޑާ އެކު ފަރިތަކުރަމުންނެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ރެއާލުން ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭނެ އެވެ. އޭގެ ތިން ދުވަސް ފަހުން ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމެންޑާ ދެކޮޅަށެވެ.