16 އޮކްޓޯބަރ 2024 - 15:24

ސައޫދީ ޝާހީ އާއިލާ އަށް ނިސްބަތްކޮށް ކާޓޫނު ކުރެހި މައްސަލައެއްގައި އެ ގައުމުގެ އާޓިސްޓެއް ކަމަށްވާ މުހައްމަދު އަލް ހައްޒާ އަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި ކަމަށް އޭނާގެ އާއިލާ އާއި ބައެއް ޖަމިއްޔާތަކުން ބުނެފި އެވެ.
އުމުރުން 48 އަހަރުގެ ހައްޒާ ހައްޔަރުކުރީ ފެބްރުއަރީ 2018 ގަ އެވެ. އޭނާ ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކުން ހަރުކަށިކަމާ އެކު ހައްޒާގެ ގެޔަށް ވަދެގަނެ އޭނާގެ ސްޓޫޑިއޯ ވެސް ހަލާކުކޮށްލި ކަމަށް، އިނގިރޭސި ވިލާތުގައި ހިންގާ ސަނަދު ހިއުމަން ރައިޓްސް އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި މައްސަލައިގައި ކޯޓުން ކުރި ހުކުމުގައި، ގަތަރުގެ ނޫހަކަށާއި ސޯޝަލް މީޑިއާގައި ޝާއިއުކުރުމަށް "އޮފެންސިވް" ކާޓޫނުތައް ކުރަހާފައިވާ ކަމަށް ބުނެފައިވެ އެވެ. މި ކާޓޫނުތަކަކީ ސައޫދީ ރަސްކަމާ ދެކޮޅު އަދި ގަތަރަށް ތާއީދުކުރާ ގޮތަށް ހުރި އުފެއްދުންތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ހައްޒާ ހައްޔަރުކުރީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި އީރާނާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ގަތަރަށް ތުހުމަތުކޮށް ސައޫދީ އާއި ސައޫދީގެ އެކުވެރި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިތާ ދުވަސްކޮޅެއް ފަހުންނެވެ.
މި ގައުމުތަކުން ޖެނުއަރީ 2021 ގައި ވަނީ ގަތަރާ އަލުން ގުޅުން ގާއިމުކޮށްފަ އެވެ.
ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތައް ބެލުމަށް 2008 ވަނަ އަހަރު އުފެއްދި ސައުދީ އަރަބިއްޔާގެ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމް ކުރީ ހައްޒާ ހަ އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު މިއަހަރު ހައްޒާ ދޫކޮށްލަން ތައްޔާރުވަމުން ދަނިކޮށް މައްސަލަ އަލުން ހުޅުވާލައި 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް އޭނާގެ ކޮއްކޮ އޭއެފްޕީއަށް ބުންޏެވެ.
"އޭނާ އޭރު ހުރީ މިނިވަންވާން ވަރަށް ކައިރިވެފައި... ޖަލުން ނުކުންނަށް ވެފައި. އެކަމަކު ހަމަ ކުއްލިއަކަށް އަލުން އެ މައްސަލަ ފަށައި 23 އަހަރަށް ހުކުމްކުރީ،" ހައްޒާގެ ދައްތަ އަސްރާރް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ސައޫދީ ސަރުކާރުގެ ބަހެއް ނުލިބެ އެވެ.
އެކަމަކު މީގެ ކުރިން ބުނެފައިވާ ގޮތުގައި ހައްޒާ އަކީ ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާ މީހެކެވެ. -- އޭއެފްޕީ