ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ކޮންޓޭ
ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ކޮންޓޭ

ލަންޑަން (މާޗް 4) - ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރީ އުފަލުން ކަމަށާއި އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިޓަލީގެ އިންޓަ މިލާނުން ކޮންޓޭ ހޯދުމަށް ޗެލްސީއާ މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ޗެލްސީއާ އެކު ކޮންޓޭ މި ދިޔަ އަހަރު ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. މި ސީޒަނަށް ފަހު ޗެލްސީން ކޮންޓޭ ދޫކޮށްލާނަމަ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޔޫރޯ ދެއްކުމަށް އިންޓަ އިން އޮތީ ތައްޔާރަށެވެ.

ކޮންޓޭ ބުނީ އޭނާގެ ވިސްނުމަކީ ޗެލްސީގައި އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުން ކަމަށެވެ

"އަހަރެން މިހުރީ އުފަލުން. ޗެލްސީއާ އެކު އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. އަށް އަހަރެން އިހުތިރާމް ކުރާނަން. އަހަރެން މަސައްކަތް މި ކުރަނީ މި ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ ރަނގަޅު މުސްތަގުބަލެއް ވެސް ހޯދައިދޭން މި ކްލަބްގައި ގިނަ އަހަރުތަކެއް ވަންދެން އަހަރެން ހުންނަން ބޭނުން،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އޭނާގެ އާއިލާ އިޓަލީގައި ދިރިއުޅުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެންގެ އާއިލާ އިޓަލީގައި ދިރިއުޅުމަކީ އަހަރެންގެ ޕްރޮފެޝަނަލް ކަމަށް އަސަރުކުރާނެ ކަމެއް ނޫން. އާއިލާ ވެސް ވަރަށް އަވަހަށް އަހަރެން ގާތަށް އަންނާނެ. އެމީހުންގެ ވެސް މުސްތަގުބަލަށް އަހަރެން މަސައްކަތް މިކުރަނީ،" ކުރިން ޔުވެންޓަސް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޮންޓޭ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުުގައި ބާކީ 12 މެޗު އޮތްއިރު ޗެލްސީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ފާއިތުވި ދެ ސީޒަނަށް ބަލާއިރު ލީގު ހޯދި ދެ ކޯޗުން ޖެހިގެން އައި ސީޒަނު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ދާދި ފަހުން މަގާމުން ވަކިކުރިއިރު، އޭގެ ކުރީ ސީޒަނުގައި ޗެލްސީން ވަނީ ހޯސޭ މޮރީނިއޯ މަގާމުން ދުރުކޮށްފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކާމިޔާބީ ހޯދުމަށް ވުރެން އެކަން ދަމަހައްޓަން އުނދަގޫވާނެ. އެކަމަކު ކޮންމެ ހާލަތަކަށް ވެސް ހެޔޮވަރު ޓީމެއް ބިނާކުރެވިއްޖެނަމަ އެއީ ހުރިހާ ކަމަކަށް ވެސް އޮތް އެންމެ ރަނގަޅު ހައްލު،" ކޮންޓޭ ބުންޏެވެ.

ޗެލްސީން އަންނަނީ ކޮންޓޭގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރަން މަޝްވަރާ ކުރަމުންނެވެ.