16 އޮކްޓޯބަރ 2024 - 12:59

އެއް އަހަރަށް ފަހު ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު މެޗުތަކެއް ކުޅެން ނިންމައިފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) ގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ ސީނިއާ ގައުމީ ޓީމުން މެޗުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މެޗުތަކެއް ކުޅެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޒުހުރު ވިދާޅުވި އެވެ.
ގައުމީ ޓީމުން އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ބަންގްލަދޭޝާ ދެކޮޅަށް ދެ ވަނަ ލެގުގައި ކުޅުނު މެޗުގެ ފަހުން ސީނިއާ ގައުމީ ޓީމުން މިދިޔަ އެއް އަހަރު ތެރޭ އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ.
އަންނަ މަހު މެދުތެރޭގައި ފީފާގެ އިންޓަނޭޝަނަލް ބްރޭކެއް ކުރިމަތިވާނެ އެވެ.
އެ މެޗުތަކުގައި ގައުމީ ޓީމުގެ ކޯޗުކަން ކުރާނީ އެންމެ ފަހުން ވެސް ހުރި ކޯޗު އަލީ ސުޒޭން އެވެ.
މި މަހު ފަހުކޮޅު މާޒިޔާއިން އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅެން ކުވޭތަށް ދާނެ އެވެ. ގައުމީ ޓީމުގެ މުޅި ސްކޮޑް ޕްރެކްޓިހުގައި ހަމަވާނީ މާޒިޔާގެ މެޗުތަކަށް ފަހު އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް މިދިޔަ އަހަރު ކުޅުނު ޕްލޭއޮފްގެ ދެ ލެގް މެޗުގައި ރާއްޖެ ފަހަތައް ޖައްސާލުމަށް ފަހު އެ ގައުމު ކޮލިފައިންއިން ޖާގަ ހޯދި އެވެ. ކޮލިފައިންއިން ރާއްޖެ އަށް ޖާގަ ނުލިބުމުން ގައުމީ ޓީމުގެ ހަރަކާތްތައް މެދުކެނޑިގެން ދިޔަ އެވެ.
މިދިޔަ އެއް އަހަރުތެރޭ ރާއްޖެ ފިޔަވައި ސަރަހައްދުގެ އަނެއް ހަ ގައުމުން ވެސް އިންޓަނޭޝަނަލް ބްރޭކްތަކުގައި މެޗުތައް ކުޅެފައިވެ އެވެ.
މިހާރު ކުރިއަށްދާ އިންޓޭޝަނަލް ބްރޭކްގައި ލަންކާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު މިޔަންމާއާ ދެކޮޅަށް ކުޅެ އެއްވަރުކޮށްފަ އެވެ. އެއީ 70 އަހަރު ފަހުން އެ ގައުމުގެ މައްޗަށް މިޔަންމާއަށް މޮޅުވިޔަ ނުދީ ލަންކާއިން ނިންމާލި ފުރަތަމަ މެޗެވެ.