އެންމެ ގަޔާވާ ލަވަތަކުން ހިތް އުފާކޮށް ދީފި
އެންމެ ގަޔާވާ ލަވަތަކުން ހިތް އުފާކޮށް ދީފި

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ 12 އާ އެކު ރޭ، ގާލާ ރައުންޑް ބައިވެރިންގެ އެންމެ އިސްޕިރޭޝަނަލް ނުވަތަ އެންމެ ގަޔާވާ ލަވަތަކުން ބެލުންތެރިންގެ ހިތް އުފާކޮށް ދީފި އެވެ.

ރޭ ގެ ޝޯ ފެށިގެން ދިޔައީ ތިން ފަނޑިޔާރުންގެ ތެރެއިން، އިސްމާއީލް އައްފާންގެ ހުށަހެޅުމަކާ އެކުގަ އެވެ. އެ ފެށުމާ އެކު، ރޭ ގައި ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ބޮޑު ސްޓޭޖްގެ ވިދުމާއި ބެބުޅުން ވެސް ދައްކާލައިފަ އެވެ.

ގާދަ 12 ބައިވެރިންގެ ހުށަހެޅުންތަކަށް ބަލާއިރު، އެންމެ ފުރަތަމަ ކަވަ ހުށަހަޅައި ދިނީ އަބްދުﷲ ޝަމްވީލެވެ. އޭނާ ހުށަހަޅައި ދިނީ ދެ މާމަގެ ފަރާތުންގެ އިންސްޕަޔާވި ލަވައެއް ކަމަށްވާ ޖޭމް ދޮންކަމަނަގެ "ދެން މި ހިތެއް އަނބުރާ ނުގެންދާނަން އިނގޭ" އެވެ.

ދިވެހިންގެ ތެރޭގައި އަބަދު ވެސް ވަރަށް މަގުބޫލު މި ލަވަ ޝަމްވީލް ރޭގައި ހުށަހަޅައި ދިނީ މުޅިން އެހެން ސްޓައިލަކަށެވެ. އެހެންވެ ލަވައިގައި އޭނާ އިއްވައިލަ ދިނީ އަމިއްލަ ވާޝަނެކެވެ. ޝަމްވީލްގެ އެ ލަވަ ތިން ފަނޑިޔާރުންނަށް ވެސް ގޯހެއް ނޫނެވެ.

ދެވަނަ އަށް ލަވަ ހުށަހަޅައި ދިނީ މުހައްމަދު ރީހާނެވެ. ކުޑަކުޑަކޮށް ހުއްޓަސް މި ލަވަކިޔުންތެރިޔާ އަކީ ވަރަށް ބަރު އަޑެއްގެ ފަންނާނެކެވެ. އޭނާ ކިޔާފައި ވަނީ ހުސައިން އަލީގެ "ފިނިފިނި ވާރެއާ" އެވެ.

ޝަޒާ އަބްދުﷲ ރަޝީދު ކިޔައި ދިނީ ވަރަށް މަޑުމައިތިރި ހިތާމަވެރި ފީލްއެއްގެ ލަވައެކެވެ. އެއީ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އައިޝަތު އިނާޔާ ކިޔާފައިވާ "ނުރުހުންވާތީއޭ" އެވެ.

ޝަޒާ ބުނީ އެ ލަވަ ކިޔަން ބޭނުންވީ އިނާޔާ ފިޔަވައި، އެހެން ފަންނާނެއްގެ އަޑުން އެ ލަވަ ކިޔާފައި ނެތުމުންނާއި، އިނާޔާ ލަވަ ކިޔާފައިވާ ފީލް ކަމުދާތީ ކަމަށެވެ.

ހަތަރު ވަނަ އަށް ރޭގައި ލަވަ ހުށަހަޅައި ދިން ހުސައިން އިރްފާން (ޒަކިއްޓޭ) ގެ ލަވަ އަކީ ޓްރިއޯގެ "އޭ މަންޖޭ" އެވެ. އެ ލަވަ އޭނާ ހުށަހަޅައި ދިންލެއް ރީތިކަމުން، ފަނޑިޔާރު މަރިޔަމް އުނޫޝާ (ކިޑީ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ވަރަށް ތައުރީފު ވެސް ކުރި އެވެ.

ޒަކިއްޓޭ ބުނީ އޭނާ އަކީ އަބަދު ވެސް އަމިއްލަ ރާގުތަކަށް ލަވަ ކިޔަން ވަރަށް ޝައުގުވެރިވާ މީހަކަށްވާތީ "އޭ މަންޖޭ" ލަވައަކީ އަބަދު ވެސް ވަރަށް ރީތި އަމިއްލަ ރާގެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ލަވަ އަންނަ އެޕްރީލް މަހުގެ ފަހެއްގައި ރިލީޒް ކުރާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "މީ ލޯތްބަކީ" އިން އިވިގެން ދާނެ ކަމެވެ.

އެކަމަކު އެ ފިލްމުގައި "އޭ މަންޖޭ" ލަވަ އިވިގެން ދާނީ ޒަކިއްޓޭގެ ކޮއްކޮ އަދި މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލް ވިދާލި އިބްރާހީމް އަމާން އާއި ފަތޯ އާއި ފުބޫގެ އަޑުންނެވެ.

ޒަކިއްޓޭގެ ފަހުން ދެން ލަވަކީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާތުމަތު ޒޫނާގެ ދަރިފުޅު އަހުމަދު ނަބީލް އެވެ. އޭނާގެ ލަވައަކީ މުމްތާޒް މޫސާ ކިޔާފައިވާ ލަވައެކެވެ. އެ ލަވަ އޭނާ ކިޔާފައިވާ ގޮތް، ކިޑީ އަށް ރޭގައި ވަރަށް ކަމުދިޔަ އެވެ.

ކުރީގެ ލަވަ ކިޔުންތެރިޔާ މުހައްމަދު ހުޒާމްގެ ނާނާ "ދޮންކަނބުލޮ ނިދާށޭލާށޭ" އަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ލަވައެކެވެ. އަބްދުﷲ ހިޝާން ރޭ ހުށަހަޅައި ދިނީ ހުޒާމްގެ އެ ލަވަ އެވެ. އެކަމަކު އޭނާގެ އަމިއްލަ ސްޓައިލްގަ އެވެ.

ހިޝާން ބުނީ އެ ލަވައަކީ އޭނާ ކުޑަ އިރު މަންމަ ވަރަށް ގިނައިން ކިޔައި ދިން ލަވައަކަށްވާތީ، ހަނދާނުގައި ވަރަށް ބޮޑަަށް ހަރުލާފައިވާ ލަވައެއް ކަމަށެވެ. ހިޝާންގެ "ދޮންކަނބުލޮ ނިދާށޭލާށޭ" ވާޝާންވެގެން ދިޔައީން ތިން ޖަޖުން ވެސް ވަރަށް ގަޔާވި ހުށަހެޅުމަކަށެވެ.

އައިޝަތު ޖައިޝާ ވަހީދަކީ ވެސް އަމިއްލަ ރާގުތަކަށް ލޯބި ކުރާ ޒުވާނެކެވެ. އެހެންވެ އޭނާގެ ހޮވުމަކީ ޖަޖް އައްފާންގެ ލަވައެއް ކަމަށްވާ "ރާޅެއް ބިންދައިލާހެން" އެވެ. އެ ލަވައިގެ އަންހެން ވާޝަންވެގެން ދިޔައީ އިއްބެ އާއި އުނޫޝާ އަށް ވެސް ކަމުދިޔަ ލައަކަށެވެ.

މުހައްމަދު ހަމްދާން ރޭ ކިޔަން ބޭނުންވީ ޅެމަށް ބަލައިގެން ހޮވާފައިވާ ލަވައެކެވެ. އެހެންވެ އޭނާގެ ހޮވުމަކަށްވީ މުހައްމަދު ފަލާހުގެ އަމިއްލަ ރާގަކަށް ހަދާފައިވާ "ވީ ބޭވަފާ" އެވެ. އެކަމަކު ހަމްދާންގެ ހުށަހެޅުންވެގެން ދިޔައީ ޖަޖުންނަށް އެހާ ކަމުދިޔަ ހުށަހެޅުމަކަށް ނޫނެވެ.

ހަމޫދު އަހުމަދު (އަލްވިން) ކީ ރޭގެ ހުށަހެޅުންތަކަށް ބަލާއިރު ތިން ޖަޖުން ވެސް އެންމެ ގަޔާވި އެއް ހުށަހެޅުން ގެނެސް ދިން ލަވަ ކިޔުންތެރިޔާއަށެވެ. އޭނާގެ ހޮވުމަކަށްވީ ޓްރިއޯގެ "ހިތުގެ ޝަކުވާއޭ" އެވެ.

އެ ލަވަ އަލްވިން ކިޔަން ބޭނުންވީ އެހާ ބަރު އަޑެއް ނެތަސް، ކޮންމެ ކަހަލަ ލަވައެއް ވެސް ކީ ދާނެކަން ސާބިތުކޮށް ދިނުމުގެ ގޮތުންނެވެ. ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. ތިން ޖަޖުން ވެސް ފާހަގަ ކުރި ގޮތުގައި ހަމޫދަކީ އެންމެ ބޮޑަށް އިމްޕްރޫވަމުން އަންނަ އެކެކެވެ.

އަލްވިންގެ ހުށަހެޅުމަށް ފަހު، ދެން އަނެއްކާ ވެސް އިވިގެން ދިޔައީ ހަމަ އެހާމެ ހިތްގައިމު ރީތި ލަވައެކެވެ. މި ފަހަރު މުހައްމަދު ތަސްނީމް ކިޔާފައި ވަނީ އަލީ ރަމީޒާއި ރާފިޔަތު ރަމީޒާ ކިޔާފައިވާ "ސާދާ މިޒާޖު" އެވެ. އެކަމަކު އެ ލަވަ ތަސްނީމް ކިޔާފައި ވަނީ މުޅިން އާ ގޮތަކަށް، އަމިއްލަވަންތަ ކަމެއް ލަވަ އަށް ގެނެސްގެންނެވެ.

އަލީ ރަމީޒްގެ ލަވަތައް މާ ގިނައިން ކިޔާ މުހައްމަދު ފަރަޝް ރޭ ވެސް ކިޔާފައި ވަނީ އަބްދުﷲ ވަހީދުގެ ލަވައެކެވެ. އެއީ "ފޮހެލީ ތިބާ" އެވެެ. ފަރަޝް ބުނީ އެ ލަވައަކީ އޭނާގެ މަންމަ ވަރަށް ގިނައިން ގޭ ތެރޭގައި ޖަހާ ލަވައަކަށްވާތީ، މަންމަގެ ހަނދާންތަކާ އެ ލަވަ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

ރޭގެ އެންމެ ފީކަޅާ ހުށަހެޅުމަކަށްވީ، ދޮހޮއްކޮބޭގެ ވަރުގަދަ ލަވަތަކުން އިންސްޕަޔާވި އިބްރާހީމް ވަހީދު (ބޮޑުބެ) ގެ ލަވަ އެވެ. އޭނާ ކިޔާފައި ވަނީ "ހިތުން ފިލުވޭކަށެއް ދެން ނެތޭ" އެވެ. އެކަމަކު އެ ލަވަ ބޮޑުބެ ކިޔައި ގޮތުން ޖަޖުންގެ މޫނު މައްޗަށް އުފާވެރިކަން ނަޔަސް، އޭނާ ސްޓޭޖް މަތީގައި ދައްކާލި ހަރަކާތްތަކުން ޖަޖުންގެ މުނިފޫހި ފިލުވައި ދިނެވެ.

ބައިވެރިން އެ މީހުންގެ އިންސްޕަޔަރިން ލަވަތައް ރޭ ހުށަހަޅައި ދިންއިރު، ކިޑީ ބުނީ އޭނާ އެންމެ ގަޔާވި އެއް ލަވައަކީ މަންމަ ޝަފީގާ ކިޔާފައިވާ "ދެއްވި ފަރުވާ އާއި ޝިފާ" ކަމަށެވެ. ކުޑައިއްބެ ބުނީ މެޒޯ މުހައްމަދުގެ "ފަތިހު ފެނޭ ކަނބުލޮ" ލަވައަކީ އޭނާ އެންމެ ގަޔާވާ ލަވަ ކަމަށެވެ.

އައްްފާން ބުނީ ޒީރޯ ޑިގްރީގެ ކޮންމެ ލަވައަކީ ވެސް އޭނާ ވަރަށް ގަޔާވާ ލަވަތަކެއް ކަމަށާއި ވަކި ހާއްސަ ލަވައެއް ހޮވަން އުނދަގޫ ކަމަށެވެ.

ގާލާ ރައުންޑްގެ ގަދަ 12 ގެ ހުށަހެޅުންތަކަށް މިހާރު ބެލުންތެރިންނަށް ވެސް ގޮތެއް ނިންމަން މިއޮތީ ފުރުސަތެއް ލިބިފަ އެވެ. އެހެންވެ މުބާރާތުން މިރޭ ކަޓައިގެން ދާނެ ބައިވެރިއަކު ނިންމުމުގައި ބެލުންތެރިންގެ ހިއްސާ ވެސް ބޭނުން ވާނެ އެވެ.

މިރޭ ކަޓައިގެން ދާނީ، ބެލުންތެރިންގެ 50 ޕަސަންޓް ވޯޓާއި ޖަޖުންގެ 50 ޕަސަންޓް ވޯޓްގެ ތެރެއިން އެންމެ ދަށްކޮށް މާކްސް ލިބޭ ބައިވެރިއެކެވެ.

އެހެންވެ ފެވަރިޓް ބައިވެރިޔާ ސަލާމަތްކޮށް ދޭން ބޭނުން ނަމަ، މިއަދު މެންދުރު ފަހު 3:00 އާ ހަމައަށް ވޯޓް ދޭށެވެ.

ނަތީޖާ މިރޭގެ ޝޯއިން ފެންނާނެ އެވެ.