"މަރު ނުވަނީސް" އިންޑިއާގައި މީހަކު އަންދާލެވިއްޖެ
"މަރު ނުވަނީސް" އިންޑިއާގައި މީހަކު އަންދާލެވިއްޖެ

އިންޑިއާގައި އުމުރުން 24 އަހަރުގެ އަންހެނަކު މަރު ނުވަނީސް އަންދާލެވުނު މައްސައެއް ފެންމަތިވެއްޖެ އެވެ.

ދަރިވަރެއް ކަމަށްވާ ރަޗްނާ ސިސޯދިއާ އަންދާލީ އުތުރު އިންޑިއާގެ ގްރޭޓަ ނޮއިޑާގައިގައި ހުންނަ ޝަރްދާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް "މަރުވުމުން" މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާގެ މަރު ސާބިތުކޮށް، ޑޮކްޓަރު ދިން ލިޔުމުގައި ޖަހާފައި ވަނީ މަރުވީ ފުއްޕާމޭގައި އިންފެކްޝަން އުފެދިގެން ކަމަށެވެ.

އަންހެން މީހާގެ ހަށިގަނޑު އޭނާގެ ފިރިމީހާ ދިވެޝް ޗައުދަރީއާ ހަވާލުކުރުމުން، މަރުވާ މީހުން އެންދުމަށް ހާއްސަކޮށްފައިވާ ސަރަހައްދަކަށް، ދެ ގަޑިއިރުގެ ދަތުރެއް ކޮށްފައި ގެންދިޔަ އެވެ. އަދި ޗައުދަރީ އާއި އާއިލާގެ ބައެއް މީހުންގެ ހާޒިރުގައި ހަށިގަނޑު އަންދާލި އެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ ހަށިގަނޑު އަންދަމުން ދަނިކޮށް އެތަނަށް ފުލުހުން ގޮސް، ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދި އެވެ. ޕޯސްޓްމޯޓަމް އިން އެނގުނު ގޮތުގައި އަންހެން މީހާ މަރުވީ ދިރިހުއްޓާ ރޯކޮށްލުމުން ލިބުނު ޝޮކުގަ އެވެ. ޕޯސްޓްމޯޓަމް ހެދި އިރު ރަޗްނާގެ ނޭވާލާ ނިޒާމުގެ ތެރެއިން އަޅި ފެނުނެވެ. މާނައަކީ ރޯކޮށްލި އިރު ވެސް އޭނާ ނޭވާލަމުން ދިއުމެވެ.

ހޮސްޕިޓަލުން ވާހަކަ ދެއްކި މީހަކު ޓައިމްސް އޮފް އިންޑިއާއަށް ބުނި ގޮތުގައި މަރުވެފައިވާ މީހެއްގެ ނޭވާ ހޮޅި އާއި އެ ހޮޅިއާ ގުޅުން ހުރި ބައިތަކުގެ ތެރެއިން އަޅި ފެންނާނީ އެ މީހަކު ދިރިހުއްޓާ އެނދުމުންނެވެ. އެއީ ނޭވާ ނުލާ ނަމަ ނޭވާލާ ނިޒާމުގެ ތެރެއަށް އެއްޗެއް ނުވަންނާނެތީ އެވެ. މަރުވެފައި އޮންނަ މީހެއްގެ ނޭވާ ހޮޅީގެ ތެރެއިން ގޮސް ފުއްޕާމެޔަށް އެއްޗެއް ނުވަންނާނެ އެވެ.

ނަމަވެސް އަންހެން މީހާގެ މަރު ސާބިތުކުރި ހޮސްޕިޓަލުން ބުނީ ޕޯސްޓްމޯޓަމް ރިޕޯޓް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި މަރުވި މީހާގެ ފިރިމީހާ ބުނީ މިއީ އަނބިމީހާގެ މަރާލި ކަމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވުމުގެ ރޭވުމަކަށް ވެދާނެ ކަމަށެވެ. އަނެއްކޮޅުން، ޕޯސްޓްމޯޓަމް ހެދުމުގައި އިސްކޮށް ހުންނެވި ޑޮކްޓަރު ޕަންކާޖް މިޝްރާ ވިދާޅުވީ ހަށިގަނޑު އަދާފައި އޮތްލެއް ބޮޑުކަމުން، އެއީ ރަޗްނާގެ ހަށިގަނޑުކަން ޔަގީން ނުވާ ކަމަށެވެ.