15 އޮކްޓޯބަރ 2024 - 12:19

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަގޭޖް އުފުލާ ވެހިކަލެއް ދުއްވާފައި ދިޔަ ދިވެއްސަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ އަސްލަމް އާދަމް އެވެ.
ފުލުހުން ބުނީ، އެއާޕޯޓުގެ ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް، އޭޕްރަންމަތީގައި ލައިޓާއި ކެމެރާ ހަރުކޮށްފައި ހުރި ހޮޅިދަނޑީގެ ބުޑުގައި ޖެހުނު ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެކަން ދިމާވީ އެ މީހާއަށް ސިއްހީ ހާލަތެއް ދިމާވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހެނދުނު 9:30 ހާއިރު ހިނގި އެ ހާދިސާގައި، ވެހިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެގެން ފުރަތަމަ ގެންދިޔައީ އެއާޕޯޓުގެ ކްލިނަކަށެވެ. އޭގެ ފަހުން އައިޖީއެމްއެޗަށް އޭނާ ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކަމަކު ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ފަހުން އައިޖީއެމްއެޗަށް ގެންގޮސް، އިތުރަށް ބަލައިފައިވާ ކަމަށާއި އެކަމަކު ބޭރު ފުށުން އެއްވެސް އަނިޔާއެއްވެފައި ނެތް ކަމަށެވެ.
އެ ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.