15 އޮކްޓޯބަރ 2024 - 11:08

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ލިންކްތަކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މި ސްކޭމްގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމުލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލާފައިވާ ކަމަށާއި ފޯމު ވެބްސައިޓުން ލިބޭނެ ކަމަށް ބުނާ ކަމަށެވެ. އަދި މި ފޯމުގެ ލިންކް ކަމަށް ބުނެ ލިންކެއް ހިއްސާކުރެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދެން އަލުން ހުޅުވާލާކަށް އަދި ނިންމައިފައެއް ނުވެ އެވެ. އެ ސްކީމުން ފްލެޓް ލިބުނު މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން އޮތީ ކުރިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ވަނީ ހައުސިންގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންނާއި އެސްއެމްއެސްކޮށް، ގިނަ ބަޔަކު އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައިފަ އެވެ. އެހެންވެ، ބޭންކުތަކުން ވެސް އަންނަނީ ޒާތީ މައުލޫމާތާއި އޯޓީޕީ ފަދަ މައުލޫމާތު އެހެން މީހުންނާ ހިއްސާނުކުރަން ތަކުރާރުކޮށް އެދެމުންނެވެ.