ބަދަލު ހޯދަން ޗައިނާގެ އަވަށެއްގެ ގިނަ ބަޔަކު ވަރިވަނީ
ބަދަލު ހޯދަން ޗައިނާގެ އަވަށެއްގެ ގިނަ ބަޔަކު ވަރިވަނީ

ބެއިޖިން (މާޗް 3) - ޗައިނާގެ އިރުމަތީގެ އަވަށެއްގެ އާއިލާތައް ދިރިއުޅުނު ގެތައް ތަޅާލާފައިވާތީ ލިބޭ ބަދަލު ބޮޑު ކުރުމުގެ ގޮތުން އެ އަވަށުގެ ގިނަ ބަޔަކު ވަރިވާން ފަށައިފި އެވެ.

ޖިއާންސޫ ޕްރޮވިންސްގެ ޖިއާންގްބެއި އަވަށުގެ ބޮޑު ސަރަހައްދެއް ވަނީ ހައި ޓެކް ޑިވެލޮޕްމަންޓް ޒޯނަކަށް ހަދަން ގެތައް ތަޅާ ސާފުކޮށްފަ އެވެ. އަދި ބަދަލެއްގެ ގޮތުން ދޭނެ ކަމަށް ބުނެފައި ވަނީ ތަޅާލި ގެތަކުގައި އުޅޭ ކޮންމެ ދެމަފިރިއަކަށް ގެ އަކާ އަދި އެއީ ވަރިވެފައިވާ ބައެއް ނަމަ ކޮންމެ މީހަކަށް ގެއަކާއި 19،000 ޑޮލަރެވެ. މި ފައިސާ ހޯދުމުގެ ގޮތުން މިހާރު ވަނީ 160 އަށް ވުރެ ގިނަ ދެމަފިރިން ވަރިވާން ނިންމައިފަ އެވެ.

ޗައިނާ ޑެއިލީން ބުނީ އެ އަވަށުގެ މީހުން ވަރިކުރުމަށް ލޯ ފާމަކުން ދަނީ އެހީވަމުން ކަމަށެވެ. އަދި ވަރިކުރާ ކޮންމެ ދެމަފިރިއެއްގެ އަތުން އެ ކުންފުންޏަށް 2،000 ޑޮލަރު ނަގާ ކަމަށް ވެސް ބުނެފައިވެ އެވެ. ވަރި ކުރާ ގިނަ މީހުން ވަނީ ގެ އާއި ފައިސާ ހޯދުމަށް ފަހު އަލުން ކައިވެނި ކުރަން ނިންމައިފަ އެވެ.

އޮފިޝަލުން ބުނީ ބަދަލު ދިނުމުގެ ގަވާއިދުގައިވާ އުނިކަންކަން ފާހަގަވެފައިވާ ކަމަށާއި ނަމަވެސް މި ވަގުތަށް ގަވާއިދަށް ބަދަލެއް ގެންނާނެކަން އެނގިފައި ނުވާ ކަމަށެވެ.