15 އޮކްޓޯބަރ 2024 - 05:57

ސައޫދީ އަރަބިއްޔާގެ ލަގްޒަރީ ރިސޯޓުތަކަށާއި މައްކާ އަށް ދަތުރުކުރުމަށް އިލެކްޓްރިކް ޖެޓް ހޯދުމަށް، މާލީ މައްސަލަތަކެއްގެ ތެރޭގައި އޮތް ޖަރުމަނުގެ ކުންފުންޏަކާ އެކު ސައޫދީގެ ގައުމީ އެއާލައިނުން މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މިއުނިކުގައި އޮފީސް ގާއިމުކޮށްފައިވާ ލިލިއަމް އިން، ރަތް ކަނޑުގެ އައްސޭރިފަށުގައި ހަދާ އާ ރިސޯޓުތަކަށް ސީދާ ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށާއި އަދި އެއާޕޯޓެއް ނެތް މައްކާ އަށް ޖިއްދާއިން ހައްޖާޖީން އުފުލާނެ ކަމަށް ސައޫދީ އަރަބިއްޔާގެ ކޮމިއުނިކޭޝަން އެފެއާޒް މެނޭޖަރު ރަޒާން ޝާކިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސްޓްރެޓެޖީ އަކީ އެއާޕޯޓެއް ނެތް ނުވަތަ ދަތުރުކުރަން އުނދަގޫ ތަންތަނާއި ރަށްތަކާ ގުޅުވައިދިނުމަށް އެހީތެރިވެދިނުން،" ރިޔާޟްގައި ބޭއްވި ލޮޖިސްޓިކްސް ފޯރަމެއްގެ ހަވާސާގައި އޭއެފްޕީއަށް އޭނާ ވިދާޅުވި އެވެ.
މި ޕްލޭންތަކުގެ ތެރޭގައި ހައްޖުވެރިން މައްކާގެ ހަރަމް ކައިރީގައިވާ އައިކޮނިކް ފެއާމައުންޓް މައްކާ ކްލޮކް ރޯޔަލް ޓަވަ ހޮޓަލަށް ގެންދިއުން ހިމެނެ އެވެ.
"އަޅުގަނޑުމެން މިހާރު އެތަނުގައި ހެލިޕެޑެއް ހެދުމުގެ މަސައްކަތް މި ގެންދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޖުލައި މަހު ސައޫދިއާ އިން އިއުލާނުކުރި ގޮތުގައި އެ ކުންފުނިން ލިލިއަމްގެ އިލެކްޓްރިކް ވާޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިން (އީވީޓީއޯއެލް) ޖެޓްގެ އުޅަނދު 50 ގަތުމާއި ބޭނުންވާ ނަމަ އިތުރު 50 އުޅަނދު ގަތުމުގެ ފުރުސަތު ވަނީ ހޯދައިފަ އެވެ.
ސައޫދީ އެއާލައިނަށް، 4-6 ފަސިންޖަރުން އުފުލޭ އަދި 175 ކިލޯމީޓަރު (109 މޭލު) ދުރަށް ދަތުރުކުރެވޭ ލިލިއަމް ޖެޓް އުޅަނދުތައް ސަޕްލައިކޮށްދޭން ފެށޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރު ކަމަށް ވަނީ ބުނެފަ އެވެ.
މިއީ އެއާލައިނަކުން އީވީޓީއޯއެލް ގަތުމަށް މިހާތަށް ދިން އެންމެ ބޮޑު އޯޑަރެވެ.
ސައޫދިއްޔާ އާއި ލިލިއަމް އިން މި ޑީލުގެ އަގު ހާމަކޮށްފައި ނުވިނަމަވެސް، ލިލިއަމްގެ އިނޮވޭޝަން ޗީފް އިންޖިނިއަރު ޑެނިއަލް ވީގަންޑް އޭއެފްޕީއަށް ބުނި ގޮތުގައި މި އުޅަނދުފަހަރުގެ އަގު އާންމުކޮށް ހުންނަނީ 7 މިލިއަން ޑޮލަރާއި 9 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
ލިލިއަމް އިން އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް މިދިޔަ މަހު ފޮނުވި ފައިލިންއެއްގައި ބުނެފައިވާ ގޮތުގައި ކުންފުނި ހިންގުމަށް މި ވަގުތަށް ވެސް ގިނަ އަދަދެއްގެ ފައިސާ ވަގުތުން ބޭނުންވެ އެވެ. އެހެންވެ ޖަރުމަނު ސަރުކާރުން ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ސައޫދީ އަރަބިއްޔާ އިން އަމާޒު ކުރަނީ އަހަރަކު 330 މިލިއަން ފަސިންޖަރުންނަށް އޭވިއޭޝަން ޓްރެފިކް އިތުރުކުރުމަށެވެ. މިއީ މިހާރުގެ އަދަދުގެ ތިން ގުނައަށްވުރެ އިތުރު އަދަދެކެވެ. މިއީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ "ވިޝަން 2030" އިސްލާހީ އެޖެންޑާގެ ދަށުން، އިގްތިސާދު ހަމައެކަނި ތެލަށް ބަރޯސާވާ ގޮތަށް ނުބާއްވައި އާ ސިނާއަތްތަކަށް ވަނުމަށް ކުރާ މަސައްކަތުގެ ބައެކެވެ. -- އޭއެފްޕީ