14 އޮކްޓޯބަރ 2024 - 12:44

އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި، މަސް ފެންގަނޑު ހެދުމުގެ މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ފަށައިފި އެވެ.

އިސްލާމީ ބިނާގެ ރީތިކަން ފެންނަ މުންނާރުގެ ވަށައިގެން ހުންނަ ސަރަހައްދު މަރާމާތުކޮށް، މަސް ފެންގަނޑު ހަދަން ނިންމީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ. އިސްލާމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލައިގެން އެކަން ކުރަން ނިންމި ނަމަވެސް މިވަގުތަށް ކުރަން ޖެހޭ ކަމެއް ނޫން ކަމުގެ ފާޑުކިއުން އަމާޒުވުމުން އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
އެކަމަކު، މުންނާރުގެ ތިރި ހަލާކުވެ ގިނަ ދުވަސްވެފައިވާތީ ސީއެސްއާރުގެ ދަށުން އެތަން މަރާމާތުކުރަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކުރީ މިނިސްޓަރު ޝަހީމްއާ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ބައްދަލުކުރެއްވުމަށް ފަހު އެވެ.
މުންނާރުގެ ތިރީގައި މަސް ފެންގަނޑު ހަދަން ފަށާފައިވާ އިރު، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހުމީ މިއަދު ވަޑައިގަތެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އެ ކުންފުނިން އެތަން މަރަމާތުކުރަނީ، އެ "ލޭންޑްމާކް"ގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. ދިވެހިންގެ ތާރީހާއި ސަގާފަތާ ވެސް ގުޅޭ އެތަން ރައްކާތެރިކަމާ އެކު ދަމަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މިސްކިތް ހުޅުވާފައި ވަނީ 1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.