03 މާޗް 2017 - 20:24

ޕެނަލްޓީ ޖަހައިގެން 6-4 އިން ދެކުނު ކޮރެއާގެ ޕޮޗެއޯން ސިޓިޒެން ބަލިކޮށް ބަންގްލަދޭޝްގެ ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.
މިއީ ރާއްޖޭން ބޭރުގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތެއްގެ ޗެމްޕިއަންކަން ރާއްޖޭގެ ކްލަބަކުން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ މަތީ ފެންވަރުގައި ޓީސީން ހޯދި ފުރަތަމަ ތަށްޓެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދުމަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ޓީސީ ވަނީ މިދިޔަ އަހަރު ރާއްޖޭގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ ހޯދައިފަ އެވެ. އެ ޓީމުގެ އެ ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ހުރީ ވެސް މިރޭ އެ ޓީމަށް މި މުބާރާތް ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ކޮރެއާގެ ހަތަރު ވަނަ ޑިވިޝަނުގެ ޕޮޗެއޮން އާއި ޓީސީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕޮޗެއޮން 2-1 އިން މޮޅުވާން ދަނިކޮށް ޓީސީން އެއްވަރުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މުހައްމަދު އަޒާމް ފަހު ވަގުތު ވައްދާލި ލަނޑުންނެވެ.
ޕެނަލްޓީ ޖަހައިގެން ޓީސީ މޮޅުވީ 4-2 އިންނެވެ. ޓީސީގެ ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ މިސްރު ޑިފެންޑަރު އީސާ މަގްރަބީ އާއި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ޔާމީން އިބްރާހިމް (ޔާމްބެ)ގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ ދަރިފުޅު އަރާޝް އައްސަދު އެވެ.
ޕޮޗެއޯން އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ޓީސީ އަށް ކުޅޭ ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ސެމްޝޮން ވަނީ މަތަކޮށްފަ އެވެ.
މިއަދުގެ މެޗަށް ޓީސީން ނުކުތީ ކޮނޭލިއަސް ސްޓެވާޓްގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ފުރަތަމަ ހާފް ފަށައިގެން ޓީސީގެ ފަރާތުން އޮގަނައިޒް ރަނގަޅު ކުޅުމެއް ފެނުނެވެ. މެޗުގެ ފުރަތަމަ ހަމަލާ ވެސް އުފެއްދީ އެ ޓީމުންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ޕޮޗެއޯން އޭރިއާ ބޭރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ޝޮޓު އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ޓީސީން މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު ޕޮޗެއޯން އިން ވެސް ދިޔައީ އަރިމަތިން ހުރަސް ނަގައިގެން ޓީސީ އަށް ނުރައްކާ ކުރަމުންނެވެ.
ޓީސީ އަށް މެޗުގެ 18 ވަނަ މިނިޓްގައި ލީޑު ނަގަނީ މި ސީޒަނުގައި އެ ޓީމާ ގުޅި މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ބެންޖޯ މި ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) ނަގައިދިން ކޯނަރަކުން ބޮލުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ލީޑުފުޅާކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ފޭދޫ އިއްބެ އަށެވެ. މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ބޯޅަ ހިފައިގެންވަދެ އޭނާ އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ޕޮޗެއޯން ކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ދާދު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޓީސީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ޕޮޗެއޯން ފުރަތަމަ ހާފްގެ ފަހު 10 މިނިޓް ތެރޭގައި ކުޅުން ރަނގަޅުކޮށް ޓީސީ އަށް ނުރައްކާ ކުރަން ފެށި އެވެ. އެ ޓީމުން އަރިމަތިން ނަގަމުން އައި ހުރަސްތައް ދިފާއުކުރަން ޓީސީގެ ޑިފެންސްލައިނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގެ 38 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ޕޮޗެއޯންގެ ޖިން ސިއެން ފޮނުވާލި ޝޮޓް ޓީސީ ކީޕަރު ނޭޕާލްގެ ކިރަން ސެމްޝޮން ވަނީ މަތަކޮށްފަ އެވެ.
ޕޮޗެއޯން އިން އެއްވަރުކުރީ ފުރަތަމަ ހާފްގެ ފަހު މިނިޓްގަ އެވެ. މެޗުގެ 44 ވަަނަ މިނިޓްގައި ލިބުނު ކޯނަރަކުން ލިބުނު ބޯޅަ ޕޮޗެއޯންގެ ޔަން ޖޮން ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ޕޮޗެއޯން އިން ފުރަތަމަ ހާފް ނިންމާލިއިރު ދެއްކި ކުޅުން ތަކުރާރުކުރި އެވެ. ޓީސީ އަށް ދެ ވަނަ ހާފް ފެށިގެން ހަމަޖެހިނުލެވި އުޅެނިކޮށް ޕޮޗެއޯން ވަނީ ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ.
މި ލަނޑަކީ މެޗުގެ 55 ވަނަ މިނިޓްގައި ޓީސީގެ އަހުމަދު ފައްރާހް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޕޮޗެއޮން އަށް ލިބުނު ކޯނަރަކުން އެ ޓީމުން ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފައްރާހު ބޮލުގައި ޖެހިފައި ވަނީ ގޯލަށެވެ. ލަނޑާ އެކު ޕޮޗެއޯން އިން އިތުރަށް ހަމަލާތައް ވަރުގަދަ ކުރި އެވެ. އަދި ލަނޑު ޖަހަން އިތުރު ފުރުސަތުތައް ވެސް ތަނަވަސްކުރި އެވެ. އެހެން ނަމަވެސް މި ހަމަލާތައް ޓީސީ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.
ޓީސީގެ ކުޅުން ރަނގަޅުވީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗުގެ ފަހު 20 މިނިޓް ތެރޭ ޔާމްބެ އާއި ކޮނެލިއަސް އެރި ފަހުންނެވެ. ޔާމްބެގެ ހިލޭ ޖެހުންތަކާ ކޯނަރުތަކުން ޓީސީން ދިޔައީ ޕޮޗެއޯން އަށް ނުރައްކާ ކުރަމުންނެވެ. ޓީސީ އަށް އެއްވަރުކޮށްދިނީ މެޗުގެ 84 ވަނަ މިނިޓްގައި މުހައްމަދު އައްޒާމް އެވެ. ހިލޭ ޖެހުމަކުން ޔާމްބެ އަރިމަތިން ނަގައިދިން ހުރަސް ޕޮޗެއޯން ޑިފެންޑަރު ބޭރުކޮށްލި ނަމަވެސް ލިބުނީ އޭރިއާ ބޭރުން އައްޒާމް އަށެވެ. އައްޒާމް އެއް ފަހަރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ޕޮޗެއޯން ޑިފެންޑަރަކު ފައިގައި ޖެހިފަ އެވެ.
އޭގެ ދެ މިނިޓް ފަހުން ލީޑުނަގަން ޓީސީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކޮނެލިއަސް ތަނަވަސްކޮށްދިން ފުރުސަތަކުން ޕޮޗެއޯން އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި އަލީ ނާފިއު (ކަޅޭ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ވަނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ޕޮޗެއޯން އިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. މި ގޮތުން ޕޮޗެއޯން ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ޓީސީގެ އައްޒާމް ވަނީ ބޭރުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޕޮޗެއޯންގެ ޕާކް ފޮނުވާލި ޝޮޓް ފައްރާހު ވަނީ ބްލޮކްކޮށްލައިފަ އެވެ.
ޕެނަލްޓީ ޖަހައިގެން ޓީސީ މޮޅުވީ ހަތަރު ޕެނަލްޓީ ވެސް ވައްދާލައިގެންނެވެ. ޕޮޗެއޯން އަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ
މި މުބާރާތުގައި ވާދަކުރީ ޓީސީ އާއި ޕޮޗެއޮންގެ އިތުރުން ނޭޕާލުގެ ޗެމްޕިއަން މަނަން މަޝިޔަންޑީ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ އާއި ދެ ވަނަ ޗިޓަގޮންގް އަބަހާނީ އާއި މުހައްމަދީން އެސްސީ އާއި ކިރްގިސްތާނުގެ ޗެމްޕިއަން އަލްގާ ބިޝްކެކް އާއި އަފްގާނިސްތާނުގެ ޗެމްޕިއަން ޝަހީން އަޝްމައީ އެވެ.