ޖަބާލިޔާ ވަށާލައިގެން ތިބެ އިޒްރޭލުން ހަމަލާދެނީ، އިއްޔެ 30 މަރު
ޖަބާލިޔާ ވަށާލައިގެން ތިބެ އިޒްރޭލުން ހަމަލާދެނީ، އިއްޔެ 30 މަރު

އިޒްރޭލުން ފަލަސްތީނުގެ ގައްޒާގެ ޖަބާލިޔާގައި ދިން ހަމަލާތަކުގައި މަދުވެގެން 30 މީހުން ޝަހީދުވެއްޖެ އެވެ.

ޖަބާލިޔާ ވަށާލައިގެން ތިބެ އިޒްރޭލުން ހަމަލާދެނީ، އިއްޔެ 30 މަރު
ޖަބާލިޔާ ވަށާލައިގެން ތިބެ އިޒްރޭލުން ހަމަލާދެނީ، އިއްޔެ 30 މަރު

ގާޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނީ މި ހަމަލާތައް ދިނީ އުތުރު ގާޒާގެ ޖަބާލިޔާ ތެރޭގަ އާއި ރެފިއުޖީ ކޭމްޕްގައި ކަމަށެވެ.

އެ އޭޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ދިން އެއް ހަމަލާގައި 12 މީހަކު ޝަހީދުވި އެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން 14 މީހުން ގެއްލިފައިވާ ކަމަށާއި އެ މީހުން ވަނީ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

އުތުރު ގާޒާގެ އެ އޭޖެންސީގެ ޑިރެކްޓަރު އަހްމަދު އަލް-ކަހްލޫޓް ކުރިން ވިދާޅުވި ގޮތުގައި އެހެން ހަމަލާތަކެއްގައި 18 މީހުން ޝަހީދުވެފައިވެ އެވެ. ހާލުގައި ޖެހިފައިވާ މީހުން ހިމާޔަތް ހޯދާ އަށް ސްކޫލަކަށް ވެސް މި ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 110 އަށް އަރަ އެވެ.

ޖަބާލިޔާ ކޭމްޕްގެ ސްކޫލުތަކަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން އޭއެފްޕީން ކުރި ސުވާލުތަކަށް އިޒްރޭލު ސިފައިން ޖަވާބެއް ނުދެ އެވެ.

އިޒްރޭލު ސިފައިން މިދިޔަ ހަފުތާ ބަންދުގައި ބުނެފައިވަނީ ޖަބާލިޔާ ސަރަހައްދު ވަށާލާފައިވާ ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި ހަމާސް ނައްތާލުމަށް ކަމަށް ބުނެ އިޒްރޭލުން ހަމަލާ ދޭތާ އަހަރެއް ވެފައި ވިޔަސް ހަމާސް އަލުން އެ ސަރަހައްދުގައި އަލުން އެކުވެ އިޒްރޭލާ ދެކޮޅަށް އަލުން ނުކުތުމަށް މަސައްކަތްކުރަމުންދާ ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާ އަށް ފަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އެ ސިޓީގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 42،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. -- އޭއެފްޕީ