10 އޮކްޓޯބަރ 2024 - 20:53

ޒިބްރާ ކްރޮސް މަތިން ހިނގާފައި ދިޔަ ތުއްތު ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު މި ހާދިސާ ހިނގާފައިވަނީ މަޖީދީ މަގު ވިލާ މާޓު ކުރިމަތީގައި އޮންނަ ޒިބްރާ ކްރޮސް މަތިން ކަމަށެވެ.
ސައިކަލު ޖެހިފައިވަނީ އެ ވަގުތު މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެ ކުއްޖާ ވެއްޓި ނިއްކުރިމަތި ދުޅަވެފައިވާ ކަމަށާއި ކުއްޖާ ވަގުތުން އައިޖީއެމްއެޗަށް ފަރުވާއަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ކުއްޖާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.