10 އޮކްޓޯބަރ 2024 - 14:31

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާ އަށް ކުރެއްވި ތާރީހީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

މިއީ، ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ރައީސް މުއިއްޒު މި ދަތުރު ކުރެއްވީ އާދަކާދައާ އެއްގޮތަށް ރާއްޖޭގެ ރައީސުން އެ ގައުމަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކަށް އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގަ އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ތިން ސިޓީއަކަށް ވަޑައިގެންފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ވެރި ރަށް ދިއްލީ އަށެވެ. ރައީސް މުއިއްޒަށް ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވީ، ނިއު ދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ.
ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވައި، ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒިރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފަ އެވެ.
އޭގެ ފަހުން ރައީސްގެ ދެ ކަނބަލުން ވަނީ އާގަރާގައި ހުންނަ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި، އަންގާރަ ދުވަހު ވަޑައިގަތީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިތުރު ފުރުސަތުތައް ފަހިކުރުމުގެ ބައްދަލުވުންތަކަށް މުމްބާއީއަށެވެ. ބޮލީވުޑުގެ މަޝްހޫރު ތަރިން ވެސް ބައިވެރިވި މި އިވެންޓުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓްކުރުމަށް އިންޑިއާގެ ފިލްމީ އިންޑަސްޓްރީއަށް ދައުވަތު ދެއްވައިފަ އެވެ.
ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި އިއްޔެ ބެންގަލޫރަށް ވަޑައިގެން، ރައީސް ވަނީ ގިނަ އަދަދެއްގެ ވިޔަފާރިވެރިންންނާ އެކު ބޭއްވި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ފޯރަމަށް ފަހު، އެތަނުގައި އުޅޭ ދިވެހިންނާ ވެސް ރައީސް ވަނީ ރޭގެ ވަގުތެއްގައި ބައްދަލު ކުރައްވައިފަ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވެވި ހާއްސަ ހަފްލާގައި ރައީސް ރޭ ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ދަންނަވަނީ މަގުސަދު ހާސިލް ވެފައިވާތީ ކަމަށެވެ.
އެއީ ދިވެހިންނަށް ކަންކަން ފަހިވާ ގޮތަށް ބައެއް މަސައްކަތްތައް ފަށައި އޭގެ ދޮރު ހުޅުވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
- އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގައި ސޮއިކުރުން.
- އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ބޭނުންކުރާ ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުން.
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހުކުރުން.
- އިންޑިއާ އިން ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ހަވާލުކުރުން.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު މަތީ ފެންވަރުގައި ގިނަ މަޝްވަރާތަކެއް މި ދަތުރުގައި ކޮށްފައިވާއިރު އޭގެ ތެރޭގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާއި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ގާއިމުކުރުމަށް ރައީސް އާއި ބޮޑުވަޒީރު މޯދީ މަޝްވަރާ ކުރެއްވި އެވެ.