10 އޮކްޓޯބަރ 2024 - 11:13

މެޑްރިޑް (އޮކްޓޯބަރު 10) - ރެއާލް މެޑްރިޑުގެ ޒުވާން ޓީމުގެ ކޯޗު ރައުލް ގޮންޒާލޭޒްގެ ހިދުމަތް ބޭނުން ނުވާކަމަށް އެ ކްލަބުން ބުނެފި އެވެ.

ރެއާލް މެޑްރިޑް ކަސްޓިޔާގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ ކްލަބްގެ ބީ ޓީމުގެ ކޯޗުގެ ގޮތުގައި ރައުލް ވަނީ ހަ އަހަރު ހޭދަކޮށްފަ އެވެ.
ރެއާލްގެ ކުރީގެ ކެޕްޓަނަށް އެ ކްލަބުން އަންގާފައިވާ ގޮތުގައި މި ސީޒަނަށް ފަހު ކްލަބްގެ އެހެން މަސައްކަތެއް އޭނާއާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހުރި މަގާމަށް އެހެން ކޯޗަކު ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ވެސް ރައުލް އަށް އަންގާފައިވެ އެވެ.
ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި ކަސްޓިޔާގެ ކޯޗުކަން ހަވާލު ކުރަން ހަމަޖެހިފައި ވަނީ މިހާރު އެ ކްލަބްގެ ސީ ޓީމުގެ ކޯޗުގެ ގޮތުގައި ހުރި އެ ޓީމުގެ ކުރީގެ ޑިފެންޑަރު އަލްވާރޯ އާބެލޯއާ އެވެ.
ކްލަބްގެ ދެ ދާއިރާއަކުން، ރައުލް ބޭނުންވާ ކޮންމެ ވެސް އެއް މަގާމެއް އަދާކުރުމުގެ ފުރުސަތު އޭނާ އަށް ދިނުމަށް ރެއާލުން ވަނީ ނިންމައިފަ އެވެ. އެއީ ކްލަބްގެ ސީނިއާ ޓީމުގައި ކާލޯ އަންޗެލޮޓީގެ އެސިސްޓެންޓެއްގެ މަގާމު ނުވަތަ ކްލަބްގެ އެކަޑަމީތަކާ ގުޅޭ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމެވެ.
ސީނިއާ ޓީމުގައި ރައުލް މަސައްކަތް ކުރަން އެންޗޮލޮޓީ އާއި އޭނާގެ އެސިސްޓެންޓުން ތާއީދު ކުރާކަމަށް މީޑީއާތަކުން ބުންޏެވެ. ރައުލްއާ އަންޗެލޮޓީއާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަކަމަށް ސްޕެއިންގެ ކުޅިވަރު ނޫސް މާކާއިން ބުނެ އެވެ.