10 އޮކްޓޯބަރ 2024 - 11:51

މާލޭ ކޮމާޝަލް ހާބަރުގައި ވިޔަފާރިވެރިންނަށް މުދާ ހިލޭ ބެހެއްޓޭ މުއްދަތު ވަރަށް އަވަހަށް ކުރު ކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އެމްޕީއެލް އިން މިހާރު ބޭނުން ކުރާ ބަނދަރަކީ 2،000 އެއްހާ ކޮންޓެއިނާ ބެހެއްޓުމުގެ ޖާގަ އޮތް ތަނެއް ނަމަވެސް، އެތަނުގައި މިހާރު 5،000 އަށް ވުރެ ގިނަ ކޮންޓެއިނާ ބާލައި، ބަހައްޓަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ވިޔަފާރިވެރިންނަށް، ކޮންޓެއިނާ ބަނދަރުގައި ބަހައްޓާތާ 10 ދުވަސް ވަންދެން މުދާ ހިލޭ ބެހެއްޓޭތީ ގިނަ ވިޔަފާރިވެރިން މުދާ ކްލިއާކޮށް ގެންދަނީ އެންމެ ފަހު ދުވަހު ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި މުދާ އުފުލާ މުއްދަތު ހަތް ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނި ތަކެތި ގެންނަ ރީފާ ކޮންޓެއިނާތައް ބަނދަރުގައި ބެހެއްޓޭ މުއްދަތު ފަސް ދުވަހަށް ކުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ ބަނދަރުން ޖާގަ ނުލިބޭތީ، ބޯޓުތަކުން ކޮންޓެއިނާތައް ނުބާލާ މަޑުކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަން ނިންމީ، ބަނދަރުގައި މުދާ ނުބަހައްޓައި ވީ އެންމެ އަވަހަކަށް މުދާ ކްލިއާ ކުރެވޭނެ ގޮތެއް ހެދުމަށެވެ.
ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލު ކުރުމަށް އެ ސަރަހައްދު ތަރައްގީ ކުރަމުންނެވެ. އެކަމަށް ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ. އޭގެ ތެރެއިން ކުރީގެ ސަރުކާރުން އޮތީ، އެމްޕީއެލްގެ ބޭނުމަށް 20 ހެކްޓަރު ހިއްކައިފަ އެވެ. އެހެންވެ، އެ 20 ހެކްޓަރު ބަނދަރުގެ ހިދުމަތްތަކަށް ކަނޑައަޅައި އިތުރު 80 ހެކްޓަރު ބިން ހިއްކުމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.