09 އޮކްޓޯބަރ 2024 - 15:28

ހުޅުމާލެ 2 އަލިކުރަން އަޅާފައިވާ ބައެއް ކޭބަލްތައް ވަގަށް ނަގައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުބައްތިތައް ދިއްލަން ބޭނުންވާ ކަރަންޓު ވިއުގަ މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ނިމިފައިވާ ނަމަވެސް، ކަރަންޓު ދިނުމުގެ ކުރިން ކޭބަލްތައް ވަނީ ނަގައިފަ އެވެ.
"މަގު ބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން،" ފަޒުލްގެ ޕޯސްޓުގައިވެ އެވެ.
ފަޒުލް އެގޮތަށް ވިދާޅުވީ، ހުޅުމާލެ 2 އަނދިރިކޮށް އޮންނާތީ ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
އެނގިފައިވާ ގޮތުގައި، އެ ބޮޑު ކޭބަލްތައް ވަގަށް ނެގީ، އެ އެއްޗެހި ވަޅުލާފައި ހުއްޓައި މަގު ކޮނެގެންނެވެ. އެޗްޑީސީން މިހާރު ވަނީ ވިނަރެސް ސަރަހައްދުގެ މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ އެހެން ބައެއް ތަކެތި ހޯދަން އޯޑަރުކޮށްފަ އެވެ.
ޝަރީފް ވަނީ ހުޅުމާލެ 2 އަނދިރިކޮށް އޮންނަ މައްސަލާގައި، ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، "މަތިބަރު" އެޗްޑީސީއަށް ރައްޔިތުންނަށް ކޮށްދެވުނީ ކޮން ހިދުމަތެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
އޭނާއަށް މީހަކު ކުރި މެސެޖެއްގެ ސްކްރީންޝޮޓް ވެސް އާއްމުކޮށްފައިވާ އިރު، އޭގައި އެދިފައި އޮތީ ހުޅުމާލެ އަލިކުރަން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތް ސާފުކޮށްދިނުމަށެވެ.
"ފޭސް 2ގެ މަގުބައްތިތައް ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ އެ ބޭފުޅުން ދަންނަވާ ލެވިދާނެތޯ. މަގުމަތިން ހިނގާފައިދާ މީހެއް ގައިގައި ވެހިކަލަކުން ޖެހުނީމަތޯ ހައްލުވާނީ ދަންނަވާލަ ދެއްވާ. މަގުމަތިން ހިނގާފަދާ މީހަކު ނުފެނޭ. ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން ވަރަށް ގާތުގައިވާ ކަމެއް އަނދިރިކޮށް އޮތުމަކީ،" ޝަރީފް އާއްމުކުރެއްވި ސްކްރީންޝޮޓުގައިވެ އެވެ.
ފަޒުލް ކުރެއްވި އެހެން ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭގެ ތަރައްގީ ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
"ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލުކުރަން ވާނެ ކަމުގައި ދެކެން. އެޗްޑީސީގެ ސްޓާފުން ވަރުބަލި ކަމެއް ނެތި ކުރަމުން އަންނަ ބުރަ މަސައްކަތަށް އަޅުގަނޑު ފަހުރުވެރިވޭ އަދި ޝުކުރު އަދާކުރަން." އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 2 އަނދިރިކޮށް އޮވެ، ކުށްކުރުން އިތުރުވެދާނެތީ މީގެ ކުރިން ފުލުހުން ވެސް ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.