09 އޮކްޓޯބަރ 2024 - 13:21

ރާއްޖޭގެ އެކި ސަރަހައްދުތަކުން 24 ރަށަށް ނިސްބަތްވާ ޓީމު ބައިވެރިކޮށްގެން، އަންނަ މަހު ފަށާ މުބާރާތުން ފުޓްބޯޅަ އަށް އަލުން ސްޕޮންސަރުން ގާތްކޮށްދޭނެ ކަމަށާއި ފޯރި ވެސް އަލުން ގެނެވޭނެކަމަށް، ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ގޯލްޑް ކަޕްގެ ނަމުގައި ބާއްވާ، އެ މުބާރާތް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްގެ އިސް މަގާމެއް އަދާކުރާ ޝާޒް ބުނީ އެ މުބާރާތުގައި ރަށްރަށުގެ ކޮމިޔުނިޓީތައް ވެސް އެންގޭޖް ވާނެ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮތީ އަޑިއަޅާލައިފަ އެވެ. ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރަށް ސްޕޮންސާ ދޭނެ ކުންފުނިތައް މަދެވެ. މުބާރާތް ބާއްވަން އެފްއޭއެމަށް ސްޕޮންސަރުން ފައިސާ ދިނުމުން ވެސް މުބާރާތް ބާއްވާފައި ނުވާ މައްސަލަ ވެސް ފުޓްބޯޅައާ އޮތީ ގުޅިފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސްޕޮންސަރުންގެ އިތުބާރު ފުޓްބޯޅަ އަށް ވަނީ ގެއްލިފަ އެވެ. ގަލޮޅު ދަނޑުގައި މެޗެއް ކުޅޭކަން ވެސް ނޭނގޭހާ ދަށް ފެންވަރަކަށް ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ވަގުތެކެވެ.
އެއް މަސް ދުވަހަށް ދެމިގެންދާ މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން މަސައްކަތް ފެށީ އެފަދަ ހާލަތަކަށް ފުޓްބޯޅަ ވެއްޓިފައި ވަނިކޮށެވެ.
އެކަމަކު ޝާޒް ބުނީ ގޯލްޑް ކަޕް މެދުވެރިކޮށް ފުޓްބޯޅައިގެ އެ ހާލަތު ބަދަލު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ހަމަ އުއްމީދު އެބައޮތް ސްޕޮންސަރުން ވެސް އަލުން ފުޓްބޯޅަ އަށް ގެނެވޭނެކަން. ފޯރި ވެސް ގެނެވޭނެކަން،" ޝާޒް ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު، ދިވެހި ލީގު ސްޕޮންސާ ކުރުމަށް ރާއްޖޭގެ ވަރުގަދަ ދެ ކުންފުނިން "ވާދަކުރި ދުވަސް" ދާދި ފަހަކާ ޖެހެންދެން އެފްއޭއެމްގެ ޓެކްނިކަލް މަގާމެއް ވެސް އަދާކުރި ޝާޒް އަށް ވަރަށް ގާތުން ފެނުނެވެ.
"އެއް ކުންފުނިން ލީގު ސްޕޮންސާކުރަން އުޅޭކަން އެނގިގެން ކޮމްޕިޓޭޓިވް އަނެއް ކުންފުނިން އައިސް 15 މިލިއަން ރުފިޔާ އަށް ދިވެހި ލީގު ސްޕޮންސާކުރަން ހުށަހެޅިތަން ވެސް އަޅުގަނޑު ދުށިން. އެ ކުންފުނިތައް މިހާރު ވެސް އެބަތިބި. އެ ކުންފުނިތައް އަލުން ފުޓްބޯޅަ އަށް އެންގޭޖް ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބައޮތް،" އެފްއޭއމް ކޯޗިން އެޑިއުކޭޝަން ޑިޕާޓްމެންޓްގެ ހެޑްގެ މަގާމު ވެސް ކުރިން އަދާކުރި ޝާޒް ބުންޏެވެ.
ނޭޕާލްގައި 2019 ގައި ބޭއްވި 19 އަހަރުންދަށުގެ ސާފް ސާފް ޗެމްޕިއަންޝިޕުން، ރާއްޖެ އަށް ތިން ވަނަ ހޯދައި ދިން ކޯޗު ބުނީ އަލުން ކޯޗެއްގެ ގޮތުގައި ބެންޗުގައި އިށީނުމުގެ ވިސްނުން އޭނާގެ ނެތް ކަމަށެވެ.
އެއަށްވުރެ ބޮޑަށް ފުޓްބޯޅައިގެ އެހެން މަސައްކަތްތަކަށް އޭނާގެ ސަމާލުކަން މިހާރު ހުއްޓިފައިވާކަމަށް ޝާޒް ބުންޏެވެ.
އޭއެފްސީ ޑީ ލައިސެންސް ކޯޗިން ކޯހުން ފެށިގެން ބީ ލައިސެންސާ ހަމައަށް ކިޔަވައި ދިނުމުގެ ހުއްދަ އޮންނަ ޝާޒް ބުނީ ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތައް އަތޮޅުތެރޭގައި ވެސް ބޭއްވޭނެކަން ދައްކައިދިނުމަކީ ނައިންޓި ޕްލަސްގެ މަގުސަދެއް ކަމަށެވެ.
"ފުރަތަމަ މުބާރާތް މާލޭގައި ބޭއްވި ނަމަވެސް މި މުބާރާތުގެ ހޯސްޓިން އެހެން ރަށްރަށަށް ގެންދާނަން. މިހާރު ވެސް އަޅުގަނޑު ބުނެފަ އޮންނާނެ އޭދަފުށީ މީހުން ކައިރީ އަންނަ އަހަރުގެ މުބާރާތަށް ބިޑް ކުރައްޗޭ. ކުޅުދުއްފުށި މީހުން ގާތު ވެސް، (ހއ.) ދިއްދޫ މީހުން ގާތު އަދި ފުވައްމުލަކު މީހުން ގާތު ވެސް ބުނެފަ އޮންނާނެ، ބިޑް ކުރަން،"
"އޭގެ ތެރެއިން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ރަށެއްގައި މުބާރާތް ދެން އަންނަ އަހަރެއްގައި ހޯސްޓް ކުރާނީ."
މުބާރާތުގައި މިހާރު 15 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޭނާ ބުނީ އެހެން ރަށްރަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"ފަނަރަ ރަށަށް ނިސްބަތްވާ ޓީމު އެއީ އޮފިޝަލީ ބައިވެރިވެފައިވާ ޓީމު. ޝައުގުވެރިކަން ފާޅުކޮށްފައިވާ ޓީމުތަކަށް ރަސްމީކޮށް ލިޔުން ހުށަހަޅަން އިތުރު ޕީރިއަޑެއް ދީފަ ވާނީ،" އޭނާ ބުންޏެވެ.
މުބާރާތް ކުރިއަށްގެންދާނީ ހަތް ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމާއި ހުރިހާ ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމު ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެ އެވެ.
ޝާޒް ބުނީ މުބާރާތުގެ ހުރިހާ މެޗުތަކެއް ޕީއެސްއެމުން ވަގުތު ދައްކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"މެޗު އެކަނި ދައްކާނީކީ ނޫން، މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ޕްރީ މެޗު ޝޯ ވެސް ފަށައިގެން މެޗުތަކާ ގުޅޭ ބްރޮޑްކާސްޓް ޓީވީން ފަށާނީ،" ޝާޒް ބުންޏެވެ.
"މާނައަކީ މެންދުރު ފަހު ތިނަކުން ރޭގަނޑު 11 ޖަހަންދެން ޓީވީން ފުޓްބޯޅައިގެ ބޮޑު ޝޯއެއް ފެނިގެންދާނޭ."