ފިހާރައެއްގެ ތެރޭގައި ހަމަލާދިން ކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފިހާރައެއްގެ ތެރޭގައި ހަމަލާދިން ކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކަށް ހަމަލާ ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 22:01 ހާއިރު ދިލްބަހާރުމަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެެޖެއްގައި ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މުނީޒް، މއ. މަސްފަން، 37 މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށެވެ. އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.