03 މާޗް 2017 - 06:44

މެންޗެސްޓާ (މާޗް 2) – އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ނުގެނެވިއްޖެ ނަމަ މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ގެންނަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކެޕްޓަން ވޭން ރޫނީ ކްލަބް ދޫކޮށްލާނެތީ އާއި އަދި ޒަލަޓާން އިބްރަހިމޮވިޗަށް ސަތޭކަ ޕަސެންޓް ބަރޯސާ ވެވެން ނެތުމުން އަންނަ ސީޒަނަށް ޔުނައިޓެޑުގެ އެންމެ ބޮޑު އަމާޒަކީ ފޯވާޑެއް ގެނައުމެވެ. އެ ޓީމުން އެންމެ ބޮޑަށް މަސައްކަތްކުރަނީ ގްރިޒްމަން އަށެވެ. އެކަމަށްޓަކައި އޭނާގެ އޭޖެންޓާ ވެސް ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގްރިޒްމަން ނުލިބިއްޖެ ހާލަތެއްގައި ޔުނައިޓެޑުން ވިސްނަނީ ކޭން ގެނައުމަށެވެ. އޭނާ ގަތުމަށް 80 މިލިއަން ޕައުންޑް ހޭދަކުރަން ޔުނައިޓެޑް ތައްޔާރަށް އޮތް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. އުމުރުން 23 އަހަރުގެ ކޭން އަކީ އިންގްލެންޑް ގައުމީ ޓީމުގެ ފޯވާޑަށް ވެސް ވުމާ އެކު އޭނާ އަށް ބޮޑު އިންވެސްޓެއް ކުރަން ޔުނައިޓެޑުން ފަސްނުޖެހެ އެވެ.
މީގެ އިތުރުން ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އަކީ ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކުޅުންތެރިޔެކެވެ. ޔުނައިޓެޑުގެ އިތުރުން އޭނާ ހޯދުމުގެ ރޭހުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ޗެލްސީ ވެސް އެބައޮތެވެ. އެކަމަކު ޑިބާލާ މިއަދު ބުނީ ޔުވެންޓަސްއާ އެކު ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އާ ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށެވެ.